11 Feb 2013, 16:37
އސްލާމް އާބާދު (ފެބްރުއަރީ 11): ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީގެ މައްޗަށް ކުރެވިފައިވާ ކޮރަޕްޝަނުގެ ދައުވާއާގުޅިގެން އޭނާގެ މައްސަލަ ސްވިސްޓްޒަލޭންޑްގެ ކޯޓުތަކުގައި އަލުން ކުރިޔަށް ގެންދިޔުމަށް ބޭނުންވާ ކަންތައްތައްތަކުގައި އެއްބާރުލުން ދިނުމަށް ސްވިސްޓްޒަލޭންޑުގެ ސަރުކާރުން ދެކޮޅު ހަދައިފި އެވެ.
ޕާކިސްތާނުގެ ޖަސްޓިސް މިނިސްޓްރީގެ އިސް މަސްއޫލުވެރިއެއް ކަމަށްވާ ޔާސްމީން ޢައްބާސީ ވިދާޅުވީ ރައީސް އާސިފް އަލީ ޒަރުދާރީގެ މައްޗަށް ކުރެވިފައިވާ ކޮރަޕްޝަނުގެ ދައުވާއާ ގުޅިގެން އެ މައްސަލަ ސްވިސް ކޯޓުތަކުގައި އަލުން ކުރިޔަށް ގެންދިޔުމަށް ބޭނުންވާ ލިޔެކިޔުންތައް ހޯދައި އެކަމަށް ބޭނުންވާ އެއްބާރުލުން ދިނުމަށް އެދި އެމިނިސްޓްރީން ސްވިސް ސަރުކާރަށް ސިޓީއެއް ފޮނުވާފައިވާނެ ކަމުގަ އެވެ. އެ ސިޓީގެ ޖަވާބުގައި ސްވިސް ސަރުކާރުން އަންގާފައި ވަނީ ޒަރުދާރީ އަކީ ގައުމެއްގެ ރައީސަކަށްވާތީ އޭނާ އަށް ރިޔާސީ އިމުނިއުނިޓީ (އިމްތިޔާޒް) މިހާރު ލިބިވަޑައިގެންފައި އޮތުމުން މިކަމުގައި އެއްބާރުލުން ދެވެންނެތްކަމުގަ އެވެ.
ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ގެންދަނީ ޒަރުދާރީގެ ކޮރަޕްޝަނުގެ ޒަމާންވީ މައްސަލަ، އަލުން އެގައުމުގެ ޝަރުޢީ ދާއިރާ އަށް ހުށަހެޅުމުގައި އެއްބާރުލުން ހޯދުމަށް އެދި ސްވިސް ސަރުކާރުގެ ކިބައިން އެދުމަށް ޕާކިސްތާން ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރަމުންނެވެ. މިފިއްތުންތަކަށް ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ޔޫސުފް ރަޒާގީލާނީގެ ސަރުކާރުން އަޅާނުލުމުން ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ވަނީ 2012 ވަނަ އަހަރުގެ ޖޫން މަހު ގީލާނީ މަޤާމުން ދުރުކޮށްފަ އެވެ. ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ގެންދަނީ މިމައްސަލަ ކުރިޔަށްގެން ދިޔުމަށް ސްވިސް ސަރުކާރުގައި އެދުމަށް ޕާކިސްތާނުގެ މިހާރުގެ ބޮޑުވަޒީރު ރާޖާ ޕަރުވޭޒް އަޝްރަފްގެ ސަރުކާރަށްވެސް ފިއްތުންތައް ކުރިމަތިކުރަމުންނެވެ.
ޕާކިސްތާން ސަރުކާރުން ވެސް ބުނަނީ ރައީސް ޒަރުދާރީ އަކީ ޕާކިސްތާނުގެ ދައުލަތުގެ އެންމެމަތީ ވެރިޔާ ކަމަށްވާތީ އޭނާއަށް ރިޔާސީ އިމުނިއުނިޓީ ލިބިވަޑައިގެންފައި އޮތުމުން މިމައްސަލައިގެ އެއްވެސް ކަމެއް މިހާރު ކުރިޔަށް ގެންދެވެންނޯންނާނެ ކަމުގަ އެވެ. ސްވިސް ސަރުކާރުން ވެސް ޕާކިސްތާނަށް މިގޮތަށް އަންގާފައިވާތީ އެކަމަށް މަރްޙަބާ ވިދާޅުވާ ކަމަށް ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓަރު ޤަމަރުއްޒަމާން ވަނީ ވިދާޅުވެފަ އެވެ.
ޒަރުދާރީގެ މައްޗަށް ކުރެވިފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކަކީ 1990ގެ އަހަރުތަކުގައި ޕާކިސްތާނުގެ އޭރުގެ ބޮޑުވަޒީރާ ބޭނަޒީރު ބުއްޓޫގެ ވެރިކަމުގެ ދައުރާ ގުޅިފައިވާ މައްސަލައެކެވެ. އެދުވަސްވަރު ޒަރުދާރީ ހުންނެވީ ވަޒީރެއްގެ މަޤާމުގަ އެވެ. (އަލްޖަޒީރާ)