ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިިވި ކަމަށް ތުހުމަތު ކުރެވޭ ހ. ހިކޯސްޓް އަލީ ޝާންގެ މައްޗަށް ދައުވާ ކުރުމާ މެދު ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އަންގައިފި އެވެ.

ކްރިމިނަލް ކޯޓުން އެގޮތަށް އަންގާފައި ވަނީ ޝާންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިއަދު ބޭއްވި މުއްދަތު މަޖިލީހުގަ އެވެ.

މީގެ ކުރިން 15 ދުވަހަށް ބަންދުގެ މުއްދަތު އިތުރުކޮށްދެމުން އައި ނަމަވެސް ކޯޓުން މިއަދު އޭނާގެ ބަންދަށް އިތުރުކޮށްދީފައި ވަނީ 10 ދުވަހެެވެ.

ޝާންގެ ދިފާއީ ވަކީލު ވިދާޅުވީ ކުރިއަށް އޮތް 10 ދުވަސްތެރޭގައި އޭނާގެ މައްޗަށް ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމަށް ގާޒީ އަންގާފައި ވަނީ އޭނާގެ ބަންދުގެ މުއްދަތު 10 ދުވަހަށް އިތުރުކޮށް މިއަދު ނެރުނު ކޯޓު އަމުރުގައި ކަމަށެވެ.

ޝާންގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ ހ. ލޮބީ ހުސެއިން ހުމާމް އަހްމަދުގެ މައްސަލައާ އެކު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު އެވެ.

ހުމާމްގެ މައްޗަށް ދައުލަތުން ވަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލައިފަ އެވެ. އަދި އޭނާ ވަނީ ދައުވާ އަށް އިންކާރު ކުރުމަށް ފަހު ދައުލަތުގެ އެހީގައި ވަކީލަކު ހަމަޖައްސައިފަ އެވެ.

އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ 11:30 އާއި ދަންވަރު 2:00 އާ ދެމެދުގެ ވަގުތެއްގައި އޭނާ ދިރިއުޅުއްވާ ހ. ފުންވިލުގެ އަށް އަށް ވަދެވަޑައިގަންނަވަނިކޮށެވެ.