11 Feb 2013, 16:22
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ އެއްބަނޑު އެއްބަފާ ބޭބެ މުހައްމަދު ޝާހިދުގެ ބަންދުގެ މުއްދަތު އިތުރުކޮށްދީފައި ވާތީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.
މުހައްމަދު ޝާހިދު 15 ދުވަހުގެ މުއްދަތަށް ބަންދުކޮށްފައި ބެހެޓުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު އޭނާ ހައިކޯޓުގައި އިސްތިއުނާފު ކުުމުން ހައިކޯޓުން މިހާރު ވަނީ އެ މައްސަލަ ބަލައިގެންފަ އެވެ. އަދި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބުދަ ދުވަހުގެ މެންދުރު 2:15 އަށް ހައިކޯޓުގައި ވަނީ ތާވަލްކޮށްފަ އެވެ.
ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ)ގެ 2009 ވަނަ އަހަރާއި 2010 ވަނަ އަހަރުގެ ބަޖެޓުން 24 މިލިއަން ރުފިޔާގެ ޚިޔާނާތެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެންނެވެ. އޭނާގެ އިތުރުން އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އެ ތަނުގެ ކުރީގެ ވެރިޔާ އަބްދުﷲ ޝާހިދާއި ބ. އޭދަފުށީ ދިގަލި މުހައްމަދު ވަހީދާއި މއ. އެވަގްލޯރީ އަހުމަދު އާރިފު އާއި ގދ. ހޯނޑެއްދޫ ފޭރުމާގޭ އަބްދުﷲ ސައީދެވެ.
އެ އެންމެންގެ ބަންދުގެ މުއްދަތު ވެސް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހަށް އިތުކޮށްދީފަ އެވެ.