ވޯޓުލުމުގައި އެއްވެސް ފަރާތަކަށް، ބުރަވުމަށް އިޝާރާތް ކޮށްފައި ނުވާނެ ކަމަށް އިލެކްޝަންސްގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.


ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޮމިޝަންސްގެ ރައީސް ފުއާދު ތައުފީޤު މިއަދު ވިދާޅުވީ، ކޮމިޝަނުން އަންގާފައިވާނީ އެރަށެއްގެ މުސްތަގުބަލާމެދު ގޮތެއް ނިންމަން އެނގެނީ އެރަށެއްގެ ރައްޔިތުންނަށް ކަމަށެވެ. "ދެރަށެއް ގުޅާލުމަކީ ފެންނަކަމެއް ވަންޏާ ފެންނަ، ނުފެންނަ ކަމަށް ވާނަމަ ނުފެންނަ ގޮޅީގަ ފާހަގަ ޖަހާށޭ ބުނެފައި އޮންނާނީ. މީގައި އަޅުގަނޑުމެން އެއްވެސް އަތަކަށް ބާރު އަޅައިފައެއް ނޯންނާނޭ." ފުއާދު ވިދާޅުވި އެވެ.


ފުއާދު ވިދާޅުވީ ވޯޓުލާން ނުކުތް މީހުންގެ އަދަދު މަދުވި ނަމަވެސް ޖުމްލަ ގޮތެއްގައި  ވޯޓުލުމުގެ ކަންތައްތައް މިއަދު ވަރަށް އަމާން އޮމާން ގޮތެއްގަ ނިމިގެން ގޮސްފައިވާ ކަމަށެވެ.


އިދާރީ ގޮތުން އެއްކޮށްލުމަށް ފެނޭތޯ ބަލާ ރަށްރަށުގައި ވޯޓުލުން ފެށިފައި ވަނީ މިއަދު ހެނދުނު8:00 ޖެހި އިރު އެވެ. އަދި ފޮށިތައް ބަންދު ކޮށްފައިވަނީ ހަވީރު 4:00 ޖެހި އިރު އެވެ.