ރާއްޖޭގެ ތައުލީމީ ނިޒާމް ދިރާސާކޮށް، އިސްލާހް ކުރުމުގެ ޕްރޮޖެކްޓެއް ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން ފަށައިފި އެވެ.

"ލޮންޖިޓިއުޑިނަލް ސްޓަޑީ އޮފް ދަ އިމްޕެކްޓް އޮފް ކަރިކިއުލަމް ރިފޯމް" ނަމުގައި ޔުނިސެފްގެ އެހީގެ ދަށުން އެންއައިއީން ހަތް އަހަރު ދުވަހަށް އަމާޒް ކޮށްގެން ކުރިއަށް ގެންދެން ހަމަޖެހިފައިވާ ބޭސް ލައިން ސްޓަޑީޒް ލޯމްޗް ކުރުމަށް މިއަދު ވަނީ ރަސްމިޔާތެއް ބާއްވާފަ އެވެ.

އެންއައިއީގެ ސެމިނާ ރޫމްގައި ބޭއްވި އެ ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވީ އެފަދަ ދިރާސާއެއް ކުރުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ސްކޫލް ތަކުގައި އަލަށް ތައާރަފް ކުރުމަށް ރާވާފައިވާ ގައުމީ މަންހަޖްގެ ސަބަބުން އުނގެނުމަށާއި އުނގަނައި ދިނުމަށް ކުރާނެ އަސަރު ދެނެގަތުން ކަމަށެވެ.

"ޔުނިސެފްގެ އެހީގެ ދަށުން އަޅުގަނޑުމެން ހަތް އަހަރު ދުވަހަށް އަމާޒް ކޮށްގެން މި ފަދަ މަސައްކަތެއް ކުރުމުގެ ބޭނުމަކީ ރާއްޖޭގެ ތަޢުލީމީ ނިޒާމްގެ ހާލަތު ދެނެގަނެ އަލަށް ފަށަން ރާވާފައިވާ ގައުމީ މަންހަޖުން ކުދިންނަށް ކުރާނެ އަސަރު ނުވަތަ އިމްޕެކްޓް ދެނެގަތުން. މި ދިރާސާ ނިމިގެން ދާއިރު އަޅުގަނޑުމެންނަށް އެނގިގެން ދާނެ ރާއްޖޭގެ ތައުލީމީ ނިޒާމަށާއި އަލަށް ފަށަން ރާވާފައިވާ ގައުމީ މަންހަޖަށް ގެންނަން ޖެހޭނެ ބަދަލުތައް. އަދި ހަމަ އެހެންމެ ތައުލީމީ ނިޒާމަށް ދިމާވެފައި ހުރި މައްސަލަ ތަކާއި އުނގެނުމުގައި ދަރިވަރުންނަށް ދިމާވާ މައްސަލަތައް ވެސް އެނގިގެން ދާނެ،" އަޒްލީން ވިދާޅުވި އެވެ.

މި ދިރާސާ ކުރިއަށް ދާނެ ގޮތާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ މި ދިރާސާ ކުރާނީ ރާއްޖޭގެ ސްކޫލްތަކުގެ މިހާރުގެ ހާލަތު ދެނެގަތުމުގެ މައްޗަށް ކަމަށެވެ. އެގޮތުން ސްކޫލް ތަކުގެ ކުދިންގ އަހްލާގީ މިންގަނޑަށް ހަރުދަނާ ކުރުމަށް އެ ދިރާސާގައި ހާއްސަ ސަމާލު ކަމެއް ދެއްވާނެ ކަމަށް އަޒްލީން ވިދާޅުވި އެވެ.

މި ދިރާސާގައި ރާއްޖޭގެ ހުރިހައި ސްކޫލް ތަކެއްގެ ގްރޭޑް 4، 7، 9ގެ ދައިވަރުން ބައިވެރި ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެންއައިއީން ބުންޏެވެ.

އެމްއައިއީގެ ފަރާތުން ކުރިއަށް ގެންދާ މި މަސައްކަތައް ފަންނީ އެހީތެރިކަން ފޯރުކޮށް ދޭނީ އިންޑިއާގެ އެޑިއުކޭޝަން އިނިޝިއޭޓިވް ކޮންސެލްޓެންޓުންނެވެ. އަދި ގައުމީ ޔުނިވާސީޓީގެ ކުރީގެ ޑެޕިއުޓީ ވައިސް ޗާންސެލަރު ޑރ. އަލީ ފަވާޒް ޝަރީފް ވެސް އެ މަސައްކަތައް ފަންނީ އެހީތެރިކަން ދެއްވާނެ އެވެ.

އެ ދިރާސާއަށް ގައުމީ ޔުނިވާސިޓީ އާއި ވިލާ ކޮލެޖުން ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަަމަށް އެންއައިސީން ބުންޏެވެ.