ރާއްޖޭގެ ގައުމީ ޓީމާ ދެކޮޅަށް ކުޅޭ ރަހުމަތްތެރިކަމުގެ ދެ މެޗުގައި ވާދަކުރުމަށް ޕާކިސްތާންގެ ގައުމީ ފުޓްބޯޅަ ޓީމު މިއަދު ހެނދުނު މާލެ އަތުވެއްޖެ އެވެ.

ރާއްޖޭގެ ގައުމީ ޓީމާއެކު ޕާކިސްތާންގެ ޓީމް ކުޅޭ ރަހުމަތްތެރި ކަމުގެ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗް ކުޅޭނީ މާދަމާ ރޭ 9:00 ޖަހާއިރު އެވެ. އަދި ދެ ވަނަ މެޗް ކުޅޭނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 9:00 ޖަހާއިރު އެވެ. އެ ދެމެޗު ވެސް ކުޅޭނީ ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ.

މާލޭގައި ޕާކިސްތާނާ ދެކޮޅަށް ރާއްޖެ މީގެ ކުރިން ކުޅުނީ އެންމެ ފަހަރަކު އެވެ. އެއީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައެވެ. އެފަހަރު ޕާކިސްތާން އަތުން ރާއްޖެ މޮޅުވީ 3-0 އިންނެވެ.

ޕާކިސްތާނާ އެކު ދިވެހި ޓީމުން ރަހުމަތްތެރިކަމުގެ މެޗުތަކެއް ކުޅެން ހަމަޖައްސާފައި މި ވަނީ 2014 ވަނަ އަހަރު ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވާ އޭއެފްސީ ޗެލެންޖް ކަޕަށް ތައްޔާރުވުމުގެ ގޮތުންނެވެ. އެ މުބާރާތް ރާއްޖޭގައި ބާއްވާތީ އޮޓޮމެޓިކް ޖާގައެއް މިފަހަރު ރާއްޖެ އަށް ލިބިފައި ވުމުން މިއަހަރު ކުޅޭ ކޮލިފައިން މެޗުތަކުގައި ރާއްޖެ ކުޅޭކަށް ނުޖެހެ އެވެ.

ރާއްޖެއާ ދެކޮޅަށް ނުކުތުމުގެ ކުރިން ޕާކިސްތާނުން ވަނީ ނޭޕާލްގެ ގައުމީ ޓީމާ ދެކޮޅަށް އެ ގައުމުގައި ވެސް ރަހުމަތްތެރި ކަމުގެ ދެ މެޗް ކުޅެފައެވެ. އެދެ މެޗު ވެސް ޕާކިސްތާން ޓީމުން ކާމިޔާބުކުރީ 1-0 ލަނޑުންނެވެ.

ޕާކިސްތާނާ ދެކޮޅަށް ރާއްޖެ ކުޅޭ އެކުވެރި ކަމުގެ ދެ މެޗުގެ ޓިކެޓް އިއްޔެ ވަނީ ގަލޮޅު ދަނޑުން ވިއްކަން ފަށައިފައެވެ. އެގޮތުން ޓިކެޓުގެ އަގުތަކީ ގޮނޑިބަރިން 35 ރުފިޔާ އަދި ސިޑިބަރިން 10 ރުފިޔާ އެވެ.

މިއަދު މާލެ އައި ޕާކިސްތާންގެ ޓީމު ތިބެނީ މާބަލް ހޮޓަލްގަ އެވެ.