11 Feb 2013, 15:22
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން އެމަނިކުފާނުގެ ޕާޓީ، ގައުމީ އިއްތިހާދު ޕާޓީ (ޖީއައިޕީ) ގައި ތިބި 2000 މެންބަރުންގެ އަދަދު، 3000 ވުރެ އިތުރުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ޕާޓީތަކުގެ ތަފްތަރުގެ މިދިޔަ އަހަރުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރު ފެބްރުއަރީ 7 ގައި ރައީސް ވަހީދު ވެރިކަމަށް ވަޑައިގެންނެވިއިރު ޖީއައިޕީގެ މެންބަރުންގެ އަދަދު އުޅެނީ 2000 ގަ އެވެ. އެ އަދަދު 3000 އަރާފައި ވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހު އެވެ. އަދި ރައީސް ވަހީދުގެ ވެރިކަމަށް އެއް އަހަރުވީ ދުވަހު، މިދިޔަ ބުރާސްފަތި ދުވަހާ ހަމަޔަށް އެ މަނިކުފާނު ޕާޓީގެ ޖުމްލަ އަދަދަކީ 3345 އެވެ.
ރިޔާސީ އިންތިހާބާ ދިމާކޮށް 2008 ވަނަ އަހަރު އުފެއްދި ރައީސް ވަހީދުގެ ޕާޓީން މެންބަރުން އިތުރު ކުރުމަށް ކެންޕެއިންތަކެއް ފަށާފައިވާއިރު، އެ މަނިކުފާނު ޕާޓީއަށް ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން ސޮއި ކުރުވަނުންދާ ކަމުގެ އަޑުތައް ދަނީ ފެތުރިފަ އެވެ. ނަމަވެސް އެ ކުންފުނިތަކާއި ޖީއައިޕީން ދަނީ އެ ވާހަކަތައް ދޮގު ކުރަމުންނެވެ.
ޖީއައިޕީއަށް މެންބަރުން އިތުރު ކުރުމުގެ ކެންޕެއިންތަކެއް ފަށާފައިވާއިރު، ރައީސް ވަހީދު އޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ޓިކެޓްގައި ނިކުމެވަޑައިގަންނަވާން ބޭނުންފުޅު ވަނީ ގިނަ ޕާޓީތަކާ އެކު ކޯލިޝަން ހަދައިގެން ކަމަށާއި ޕާޓީތަކާ އެކު ކޯލިޝަން ހެދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ޖީއައިޕީން ވަނީ ބުނެފަ އެވެ.