ވެސްޓްޕާކް ރެސްޓޯރަންޓް ކުރިމަތިން މ. ފެއަރީކޯނާ އަލީ ޝިފާން މަރާލި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް އެންމެ ފަހު އަޑުއެހުމުގައި އޮތީ ދައުވާ ލިބޭ ހަ މީހުންނާއި ދައުލަތުގެ ފަރާތުން ޚުލާސާ ބަޔާން ހުށަހެޅުމެވެ.

ޚުލާސާ ބަޔާން ހުށަހަޅުއްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ އެ މައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައިވާ މ. ދިންމަނަ އަބްދުﷲ ތިލްމީޒާއި މާލޭ ދަފްތަރު 3912 މުހައްމަދު ޝައިފަން އާއި މ. ސިލްވާނެސްޓް މުހައްމަދު މިޝާން އަބްދުލް ހާދީ އާއި ޅ. ކުރެންދޫ މާފަހި މުހައްމަދު އާސިފާއި މ. ނަލަހިޔާ މަންޒިލް އަލީ ނަބީހާއި ބ. ތުޅާދޫ ކާނިމާގޭ ރައްޒާން އަބްދުއް ރަހުމާންއާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކީންގެ ތެރެއިން ބައެެއް މީހުން ހެކިބަސްދީފަައި ނުވަނީ އެމީހުންނަށް މަރުގެ އިންޒާރުދީ ބިރުދައްކާފައިވާތީ ކަމަށެވެ.

ޝަރީއަތުގައި ބައެއް ހެކީން ހެކިބަސް ދީފައި ނުވިނަމަވެސް އެމީހުން ތަހުގީގަށް ދިން ބަޔާނުގައި ދައުވާ ލިބޭ މީހުން ކޮށްފައިވާ ކުށް ސާފުކޮށް ކިޔައިދީފައިވާތީ އޭގެމައްޗަށް ބިނާކޮށް މައްސަލަ ނިންމައިދިނުމަށް އެދޭ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ. އަދި އެ މީހުންގެ ތެރެއިން ޝައިފަންގެ ޑީއެންއޭ އާ އަލީ ޝިފާންގެ ޑީއެންއޭ އާ ދިމާވާތީ އެއީ އޭނާގެ މައްޗަށް ކުށް ސާބިތުކުރުމުގައި ބޭނުންކުރެވޭނެ ހަރުދަނާ ގަރީނާއެއް ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

ޝައިފަން ފިޔަވައި އެހެން މީހަކާ ދެކޮޅަށް އެކަށީގެންވާ ހެކިބަހެއް ލިބިފައި ނުވެއެވެ.

އަލީ ޝިފާން މަރާލި ދުވަހު ޝައިފަން އޭނާއަށް ވަޅިން ހަމަލާދިން މަންޒަރު ދުށްކަމަށް މީހަކު ހެކިބަސް ދީފައިޥާއިރު ވަޅިއެއް ހިފައިގެން ޝައިފަން އޭނައާ ކައިރިވި މަންޒަރު ދުށްކަމަށް ވެސް މީހަކު ވަނީ ހެކިބަސް ދީފަ އެވެ. އަދި އަލީ ޝިފާން މަރާލިތާ ކުޑަވަގުތުުކޮޅެއްގެ ތެރޭގައި ސައިކަލްގައި ޝައިފަން ދިޔަ މަންޒަރު ދުށްކަމަށް ވެސް މީހަކު ހެކިބަސް ދީފައި ވެއެވެ.

ޚުލާސާ ބަޔާން ހުށަހަޅުއްވަމުން ދިފާއީ ވަކީލުން ވިދާޅުވީ މަރުގެ މައްސަލަތަކަކީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާންޖެހޭ މައްސަލަތަކެއްކަމަށް ވާއިރު އެމިންވަރަށް ދައުވާ ސާބިތު ކުރެވޭވަރަށް ދައުލަތަށް ހެކި ހުށަހެޅިފައި ނުވާ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ގާޒީ ވަނީ އެމީހުންގެ ތެރެއިން ޝައިފަންގެ ފަރާތުން ބައެއްކަންކަން ސާފުކޮށްފަ އެވެ.

އަލީ ޝިފާނަކީ ރައްޓެއްތޯ އަދި އޭނައާ ސަލާމްކޮށް ބައްދާ ހަދަންތޯ ގާޒީ އެއްސެވުމުން ޝައިފަން ބުނީ އޭނާ އަކީ ރައްޓެއްސެއްކަމަށްވާތީ ސަލާމްކޮށް ގައިގައި ބައްދާ ހަދާ ކަމަށާއި ނަމަވެސް އަލީ ޝިފާން މަރާލި ދުވަހު އެއްވެސް ގޮތަކަށް އޭނާއާ ބައްދަލުވެފައި ނުވާ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ އެ މައްސަލައިގެ ޝަރުއީ ހުރިހާ އަޑުއެހުމެއް ނިމުނީ ކަމަށާއި ވީއެންމެ އަވަހަކަށް އެ މައްސަލައިގެ ހުކުމް އިއްވާނެ ކަމަށެވެ.

އެ އެންމެންގެ މައްޗަށް ދައުވާ ކޮށްފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުގެ ހަވީރު 4:45 އެހާކަންހާއިރު ވެސްޓް ޕާކް ރެސްޓޯރެންޓް ކުރިމަތީގައި އަލީ ޝިފާން ހުއްޓާ ސައިކަލްތަކުގައި އެމީހުން ގޮސް ތޫނުއެއްޗަކުން ހަމަލާދީ އޭނާ މަރާލާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.