ކޮޓަރިއެއްގެ ތެރޭ ތާށިވި ދެ އަހަރުގެ ކުއްޖަކު އެމްއެންޑީއެފުން ސަލާމަތް ކޮށްފި އެވެ.

އެމްއެންޑީއެފުން ހ. މީނާޒްގޭގެ ފަސް ވަނަ ބުރީގައި ހުރި ކޮޓަރިއެއްގައި އުމުރުން ދެ އަހަރުގެ އަންހެން ކުއްޖާ ތާށިވެފައިވަނީ ކޮޓަރީގެ ތަޅުދަނޑި ބޭއްވުމަށްފަހު ކޮޓަރި ތަޅުލެވިގެން ކަމަށެވެ.

އަދި މިއަދު 11:00 ޖަހާކަންހާއިރު އެމްއެންޑީއެފަށް އެ މައުލޫމާތު ލިބިގެން އެގެއަށް ގޮސް ކޮޓަރީގައި ތާށިވެފައި ހުރި ކުޑަ އަންހެން ކުއްޖާ ސަލާމަތްކޮށްފައިވަނީ ޑޯ އޯޕެނާއެއް ބޭނުންކޮށްގެން ދޮރުގެ ތަޅު ހަލާކުކޮށްލައިގެން ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފްގެ އޮފިސަރަކު ވިދާޅުވީ އެކަން ރިޕޯޓު ކުރިތާ 18 މިނެޓް ތެރޭ ކުއްޖާ ސަލާމަތްކޮށްފައިވާ ކަމަށެވެ. ނަމަވެސް އެމްއެންޑީއެފަށް އެކަން ރިޕޯޓުކުރީ ކުއްޖާ ކޮޓަރިތެރޭ ތާށިވެފައި ހުންނަތާ ކިހާއިރެއް ފަހުން ކަމެއް ދަންނަވަން ނޭނގޭ ކަމަށް ވެސް އެމްއެންޑީއެފްގެ އޮފިސަރު ވިދާޅުވި އެވެ.

އެހާދިސާގައި ކުޑަކުއްޖާއަށް އެއްވެސް ގެއްލުމެއް ނުލިބި ވަނީ ސަލާމަތް ކޮށްފަ އެވެ.