މެލޭޝިއާ އެއާލައިނުން ދަތުރުކުރާ މީހުންނަށް އެ އެއާލައިން އިން ލުއި ގޮތްތަކެއް ހަމަޖައްސައިފި އެވެ.

މެލޭޝިއާ އެއާލައިން އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން، އެ އެއާލައިން އިންދަތުރުކުރާ މީހުންނަށް ކުރިން އުފުލޭ ބުރަދަނަށް ވުރެ އިތުރަށް މިހާރު 10 ކިލޯ އުފުލޭނެ ކަމަށާއި ކަނޑައަޅާފައިވާ ވަރަށް ވުރެ ފޮށިތަންމަތި ބަރުވެއްޖެ ނަމަ ދައްކަން ޖެހޭ ފައިސާގެ އަދަދު ވެސް މިހާރު މަދުކޮށްފައި ވާނެ ކަމަށެވެ.

އަދި ބުނީ އަލަށް ތައާރަފްކުރި ބެގޭޖް ގައިޑްލައިންގެ ދަށުން އިކޮނޮމީ ކްލާހުގައި ދަތުކުރާ ފަރާތްތަކަށް 30 ކިލޯ، ބިޒްނަސް ކްލާހުގައި ދަތުރުކުރާ ފަރާތްތަކަށް 40 ކިލޯ އަދި ފަސްޓް ކްލާހުގައި ދަތުރުކުރާ ފަރާތްތަކަށް 50 ކިލޯގެ ބުރަދަން ބެގޭޖްގެ ގޮތުގައި ގެންދެވޭނެ ކަމަށެވެ.

މެލޭޝިއާ އެއާލައިން އިން ބުނީ އެ އެއާލައިންގެ ބެގޭޖް ގައިޑްލައިންއަށް ގެނައި ބަދަލުގެ ސަބަބުން އޭވިއޭޝަންގެ ވާދަވެރި ވިޔަފާރީގައި ފައިހަމަ ކުރުމަށް އެ އެއާލައިންގެ ހިދުމަތް ރަނގަޅުވެގެން ދާނެ ކަމަށެވެ. އަދި އެއީ ކަސްޓަމަރުން އަލުން ހޯދުމަށް އެކުލަވާފައިވާ ސްޓްރެޓެޖީގައި ހިމެނޭ ކަމެއް ކަމަށް ވެސް ބުންޏެވެ.