11 Feb 2013, 15:08
ސިޔާސީ ޕާޓީތަކުން ރިޔާސީ ކެންޑިޑޭޓުންގެ ގޮތުގައި ކަނޑައަޅާފައިވާ އެއްވެސް މީހަކަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް ކަނޑައެޅުމަށް އިންޑިޔާއިން ނޭދޭ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު އިންޑިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު މެންދުރުފަހު މާލެ ވަޑައިގެން ނޫސްވެރިނާއެކު ބޭއްވި ބައްދަލުކުރެވުމުގައި އެމަނިކުފާނު ވިދާޅުވީ ރިޔާސީ ކެންޑިޑޭޓަށް ކުރިމަތި ނުލެއްވޭ ގޮތް ވުމަކީ އިންޑިޔާގެ ނުރުހުން އިތުރުވެގެންދާނެ ކަމެއް ކަމުގަ އެވެ.
"އެ [ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި] އެއްވެސް ޕާޓީއަކުން ކަނޑައަޅާ އެއްވެސް ލީޑަރަކަށް ކުރިމަތި ނުލެވޭ ގޮތަކަށް ކަންކަން ބައްޓަން ވެގެންވަންޏާ އެއީ ރަނގަޅު ކަމެއް ނޫން އެއީ ގޯސްކަމެއް. އިންޑިޔާ ކަނޑުގެ މަސަލަސްކަން ވެސް ގޯސްވެގެންދާ ފަދަ ކަމެއް. އިންޑިޔާއިން ވަރަށް ބޮޑަށް މި ދެ ކަންތައް ފާހަގަ ކޮށްދިން އިންޑިޔާއާ ގުޅުން ރަނގަޅުކުރުމަށް،"
ކަމާ ބެހޭ ގިނަ ފަރާތްތަކާ އެމަނިކުފާނު ބައްދަލު ކުރެއްވި ކަމަށާއި އަދި އިންޑިޔާއާ ރާއްޖެ ދެމެދު އޮތް ގުޅުން ރަނގަޅު ކުރުމާ ބެހޭ މަޝްވަރާތައް ކުރައްވާފައި ކަމަށެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ މައްޗަށް ކުރާ ޝަރީއަތް ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑު ނުދެކެން އެ ޝަރީއަތް ކުރިއަށް ގެންދެވިދާނެ ކަމަކަށް ވެސް. އަދި އަޅުގަނޑު ނުދެކެން އެއްވެސް ސިޔާސީ ޕާޓީއެއްގެ ސިޔާސީ ލީޑަރަކަށް ކުރިމަތި ނުލެވޭ އެއްވެސް ބޭފުޅަކު ވާހަކަ ދައްކައިގެން އެއިން ރަނގަޅެއް އަޅުގަނޑުމެނަށް ލިބިދާނެ ކަމަކަށް. އެހެންވީމަ އަޅުގަނޑު ދެކޭ ގޮތުގައި ޝަރީއަތެއް ނުހިންގޭނެ،"
ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި ދައުލަތުން ހުޅުމާލޭ ކޯޓުގައި އުފުލާފައިވާ ދައުވާގެ ދެވަނަ ޝަރީއަތް ރައީސް ވަޑައިނުގަތުމުން އިއްޔެ ކެންސަލް ކޮށްފައި ވާ އިރު ދެން އޮންނަ ޝަރީއަތަކަށް ވަޑައިގަންނަވާނަންތޯ ނޫސްވެރިޔަކު ސުވާލު ދެންނެވުމުން އެމަނިކުފާނު ވިދާޅުވީ "ޖެހޭނީ ދެން ޝަރީއަތް އޮތް ދުވަހެއް ހޯދާ ބަލަން" ކަމަށެވެ.
ނަޝީދު މިއަދު ވިދާޅުވީ މި މަހުގެ ފަހު ކޮޅު ކޮމަންވެލްތް ސެކްރެޓަރި ޖެނަރަލްގެ ދައުވަތަކަށް ރާއްޖެއިން ބޭރަށް ވަޑައިގަންވާނެ ކަމަށާއި އަދި ޑެންމާކް ސަރުކާރުން އެގައުމަށް ވަޑައިގަތުމަށް ދައުވަތު ދެއްވާފައިވާ ކަމަށެވެ.
ރައީސް ނަޝީދު މިއަދު މާލެ ވަޑައިގެންނެވުމާއި އެކު ގިނަ އަދަދެއްގެ މީހުން ވަނީ އެމަނިކުފާނަށް މަރުހާބާ ކިޔާފަ އެވެ. ބޭންކް އޮފް މޯލްޑްވްސް ކައިރި ގިނަ ބަޔަކު މިއަދު އެއްވެފައިވާއިރު އޭގެ ތެރެއިން ބައެއް މީހުންނާއި ދެމެދު ހިނގި ހަމަ ނުޖެހުމުގައި ބައެއް މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.