ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރާ ގާނޫނާ ހިލާފު ކަންތައްތަކާ ގުޅޭ ލިޔެކިޔުންތައް ކަމާ ބެހޭ ފަރާތްތަކުން ފޮނުއްވާފައިވާ ކަމަށް ރައީސް ނަޝީދުގެ މައްސަލަ ބައްލަވާ ވަގުތީ ކޮމެޓީގެ މުގައްރިރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެ އެވެ.

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ޖުމްހޫރީ ޕާޓީގައި ހުންނެވި އިރު، ނަޝީދާ ދެކޮޅަށް މަޖިލީހަށް ހުށަހެޅުއްވި ގަރާރަކުން އުފެއްދެވި ވަގުތީ ކޮމެޓީގެ މުގައްރިރު މިއަދު ވިދާޅުވީ ނަޝީދުގެ ސަރުކާރުގައި ސުޕްރީމް ކޯޓްގައި ތަޅުއަޅުވައި، ދަށު ކޯޓުތައް ގަބޫލު ނުރުމަށް ނެރުއްވަން އުޅުއްވި ގަރާރުގެ މައްސަލާގައި ލިޔެކިޔުންތައް ކޮމެޓީ އަށް ލިބިފައިވާ ކަމަށެވެ. އެގޮތުން އިންތިގާލީ ސުޕުރީމް ކޯޓުގައި ތަޅު އެޅުވި މައްސަލާގައި މިހާރު އެ ކޯޓުން ދީފައިވާ މައުލޫމާތާއި ފުލުހުންގެ ފަރާތުން ވެސް އެ މައްސަލާގައި މައުލޫމާތުތަކެއް ދީފައިވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ. އަދި ވިދާޅުވީ ދަށު ކޯޓުތައް ގަބޫލު ނުކުރަން ނެރުއްވަން އުޅުއްވި ގާރުގެ މައުލޫމާތު ރައީސް އޮފީހުން ހޯދާފައިވާ ކަމަށެވެ.

ދަށު ކޯޓުތައް ގަބޫލު ނުކުރަން ނެރުއްވަން އުޅުއްވި ގަރާރު ތައްޔާރު ކުރެއްވި ބޭފުޅުންނާއި އެ މަސައްކަތުގައި އިދާރީ ގޮތުން މަސައްކަތް ކުރި ރައީސް އޮފީހުގެ މުވައްޒަފުންގެ ނަންތައް ވެސް ރައީސް އޮފީހުން ވަނީ ކޮމެޓީ އަށް ފޯރުކޮށްދީފަ އެވެ.

ރިޔާޒް ރަޝީދު ވިދާޅުވީ ކޮމެޓީ އަށް ލިބިފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ކޮމެޓީގެ ތަހުގީގު ފެށުމަށްޓަކައި ކޮމެޓީގެ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.

ކޮމެޓީން މިދިޔަ މަހު ބޭއްވި ބައްދަލުވުމުގައި މެންބަރުން މަޝްވަރާ ކުރުމަށް ފަހު ނިންމާފައި ވަނީ ރައީސް ނަޝީދު ހިންގެވި ކަމަށް ބުނާ ގާނޫނާ ހިލާފު ކަންތައްތަކާ ބެހޭ މައުލޫމާތުތައް ކޮމެޓީން ހޯދުމަށް ފަހު ކަމާ ބެހޭ ފަރާތްތައް ކޮމެޓީ އަށް ހާޒިރު ކުރުމަށެވެ.

ކޮމެޓީން ކުރިން ނިންމާފައި އޮތީ ސިންގަޕޫރުގައި ބާއްވާ ކޮމެޓީގެ ބައްދަލުވުމަކަށް ރައީސް މުހައްމަދު ހާޒިރުކުރުމަށެވެ. ނަމަވެސް އެ ނިންމުމަށް މަޖިލީހަކުން އަމަލެއް ނުކުރި އެވެ.

ރިޔާޒް ރަޝީދު ވިދާޅުވީ އެ ނިންމުމަށް މަޖިލީހުން އަމަލު ނުކުރުމާ ގުޅިގެން ކޮމެޓީން ދެން ބާއްވާ ބައްދަލުވުމެއްގައި ގޮތެއް ނިންމާނެ ކަމަށެވެ.