09 Oct 2010, 14:13
ވިލިމާލޭ ފެރީއަކާއި މުދާ އުފުލާ ދޯންޏެއް އެކްސިޑެއްޓުވެ ފެރީގައި އިން މަންމައަކަށް އަނިޔާވެ އޭނާގެ ކުޑަ ދަރިފުޅުގެ ބޯ ފަޅައިގެން ހިނގައްޖެ އެވެ.
ފުލުހުން ބުނީ ހުޅަނގު ދެކުނު ފަރާތު ކަނޑިންމަ ކައިރިން މިއަދު ހެނދުނު ހިނގި އެކްސިޑެންޓްގައި އަނިޔާވީ މާލެއިން ވިލިމާލެއަށް ދަތުރުކުރި "ހެއްވާލި" ފެރީން ދަތުރުކުރި މީހުންގެ ތެރޭގައި ހިމެނޭ ދެމައިނަން ކަމަށެވެ. އޭގެ ތެރެއިން ކުޑައްޖާއަކީ ހަތަރު އަހަރުގެ ކުއްޖެކެވެ.
މި އެކްސިޑެންޓްގައި ދެމައިންގެ ތެރެއިން ކުޑަކުއްޖާގެ ބޯފަޅައިގެން ދިއުމުގެ އިތުރުން، މަންމައަށް ވެސް ވަނީ އެކިވަރުގެ އަނިޔާވެފައެވެ.
ފުލުހުން ބުނީ މި ހާދިސާއަށް ފަހު ދެމައިންނަށް ފަރުވާ ދީފައިވާ ކަމަށެވެ. އަދި ބުނީ ހާދިސާ ހިނގަން މެދުވެރިވީ ފެރީ މާލެއިން ވިލިމާލެއަށް ދާން، ފަޅުން ނުކުންނަން އުޅެނިކޮށް މާލޭ ފަޅަށް ވަންނަން އައި މުދާއުފުލާ ދޯންޏަކުން ފެރީގެ ފަހަތުކޮޅުގައި ބާރަށް ޖެހުމުން ކަމަށެވެ.
މި ހާދިސާގައި ފެރީގެ މެދުން ފެށިގެން ފަހަތަށް ވާގޮތަށް ހުރި ގެގަނޑާއި އިތުރު ބައިތައް ވަނީ ހަލާކުވެފަ އެވެ. މުދާއުފުލާ ދޯނީގެ ދިރުނބާކޮޅުން ވެސް ބޮޑުބައެއް ވަނީ ހަލާކުވެފަ އެވެ.