14:30


ބީލަމަށް ނުލައި އިތުރު ދެ އަހަރަށް މާރުކޭޓް ހޮޓާ ކުއްޔަށް ދީފި އެވެ.


މާލޭ މުނިސިޕަލްޓީގެ ރައީސް ސަރަނގު އާދަމް މަނިކު މިއަދު ވިދާޅުވީ މާރުކޭޓު ހޮޓާ އެ ހުންނަނީ މާލޭގެ މަސްމާރުކޭޓް ހުންނަ ތަނުގައި ކަމަށާއި މަސްމާރުކޭޓުގެ ހާލަތު މިހާރު ހުރި ގޮތުންނާއި ސަރުކާރުގެ ބަޖެޓް ހުރި ގޮތުން އެތަން މަރާމާތުކުރުމަށް ދަތިތަކެއް ދިމާވެފައިވާ ކަމަށެވެ.


އާދަމް މަނިކު އަދި ވިދާޅުވީ މަސްމާރުކޭޓުގެ ހާލަތު މިހާރުން މިހާރަށް ވެސް ރަނގަޅު ކުރުމަށް ބޭނުންވެފައިވާ ކަމަށެވެ. އެގޮތުން މާރުކޭޓް ހޮޓަލުގެ މުއްދަތު އިތުރުކޮށްދިނުމަށް އެތަން ކުއްޔަށް ހިފައިގެން އުޅޭ ފަރާތުން އެދުމާއެކު މާރުކޭޓް ބަލަހައްޓައި، އެތަނުގައި ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތައް ކުރުމަށް އެ ފަރާތާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، އެހޮޓާ ކުއްޔަށްދީފައިވާ މުއްދަތު އިތުރުކޮށްދިނީ ކަމަށް ވެސް އާދަމް މަނިކު ވިދާޅުވި އެވެ.


އާދަމް މަނިކު ވިދާޅުވީ 24 ގަޑިއިރު ހިދުމަތްދޭ އެ ހޮޓާ ކުއްޔަށް ދީފައިވާ މުއްދަތު ހަމަވާން އަދި ހަ މަސް އެބައޮތް ކަމަށާއި އެހާ ގިނަ ދުވަސްތަކެއް ވަންދެން އެތަން މަރާމާތުނުކޮށް އެތަނަށް މީހުން ވަދެ އުޅުމަށް ދަތިތަކާ ކުރިމަތިލާންޖެހޭނެ ކަމަށެވެ. އަދި، އާ ލޯކަލް މާރުކޭޓު ވަރަށް އަވަހަށް ބިނާކުރުމަށް ހަމަޖެހިފައިވާތީ އެ ހޮޓާ އަލުން ބީލަމަށް ލައިގެން މަރާމާތުކުރާނެ މުއްދަތެއް ނެތް ކަމަށާއި އެ ތަނުގެ މުއްދަތު އިތުރުކޮށްދީފައި ވާނީ ފިނޭންސް މިނިސްޓްރީގެ ހުއްދައާ ވެސް އެކުގައި ކަމަށް އާދަމް މަނިކް ވިދާޅުވި އެވެ.


ނަމަވެސް ފިނޭންސް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އިސްމާއިލް ޝަފީޤް މިއަދު ވިދާޅުވީ އެއްވެސް ތަނެއް ބަޔަކަށް ކުއްޔަށްދޭ ކަމަށް ވާނަމަ ނުވަތަ އެތަނެއް ކުއްޔަށް ދީފައިވާ މުއްދަތު އިތުރުކުރާނަމަ ފިނޭންސްގެ ހުއްދައަކަށް އެދެންޖެހޭނެ ކަމަށް ސަރުކާރުގެ އިދާރާތަކަށް އަންގާފައިވާނެ ކަމަށެވެ. އެހެން ނަމަވެސް އެ ގަވާއިދު އާއްމުކުރި ފަހުން އެފަދަ ހުއްދައަކަށް މުނިސިޕަލްޓީން އެދިފައިވާކަން އެނގެން ނެތް ކަމަށްވެސް ޝަފީޤް ވިދާޅުވި އެވެ. ނަމަވެސް ފިނޭންސުން ހުއްދަ ދީފައިވާ ކަމަށް މުނިސިޕަލްޓީން ބުނާ ނަމަ އެކަންތައް ޖެހޭނީ އިތުރަށް ބައްލަވަން ކަމަށް ވެސް ޝަފީޤް ވިދާޅުވި އެވެ.


މާރުކޭޓު ހޮޓާ ކުއްޔަށް ހިފައިގެން ހިންގަނީ ސައުތު މުހައްމަދު ތައުފީގުގެ ދަރިފުޅެއް ކަމުގައިވާ ގ. ސައުތު ބްރީޒް، ހުސެއިން ފަޔާޒު ކަމަށް މައުލޫމާތު ލިބެ އެވެ.