މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި ހަތަރު ކުއްޖެއްގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާ ސާބިތުކުރާން 12 މީހަކު ސިއްރު ހެކީންގެ ގޮތުގައި ހުށަހަޅައިފި އެވެ.

ޖުވެނައިލް ކޯޓުގެ އިސް އޮފިޝަލަކު ވިދާޅުވީ އެ ހަތަރު ކުދިން ވެސް ޓެރަރިޒަމްގެ ދައުވާއަށް އިންކާރު ކޮށްފައި ވާތީ އެ ދައުވާ އެކުދީންގެ މައްޗަށް ސާބިތު ކުރާން ހެކީންގެ ގޮތުގައި 12 މީހަކު ހުށަހެޅި އިރު ވީޑިއޯ ފްޓޭޖްތަކެއް ވެސް ދައުލަތުން މިއަދު ޝަރީއަތަށް ހުށަހަޅާފައިވާ ކަމަށެވެ.

"ހަތަރު ކުދިން ޓެރަރިޒަމްގެ ދައުވާ އަށް އިންކާރުކޮށްފައި ވާތީ 12 ފަރާތެއް ހެކީންގެ ގޮތުގައި ދައުލަތުން މިއަދު ވަނީ ހުށަހަޅައިފައި. އަދި އޭގެ އިތުރުން ވީޑިއޯ ފްޓޭޖްތަކެއް ވެސް ދައުލަތުން ހުށަހެޅި،" އޮފިޝަލް ވިދާޅުވި އެވެ.

ހާދިސާ ހިނގި އިރު އެ ހަތަރު ކުދީންނަށް 18 އަހަރު ފުރިފައި ނުވިނަމަވެސް މިހާރު އެކުދީންނަށް ވަނީ 18 އަހަރު ފުރިފަ އެވެ.

ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވީ އެ ހަތަރު ކުދިންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށްފައި ވަނީ ފެބުރުއަރީ އަށް ވަނަ ދުވަހުގެ ހަވީރު 4:30 އާއި އެރޭ 8:30އާއި ދެމެދުގެ ވަގުތެއްގައި ތިނަދޫ ޕޮލިސް ސްޓޭޝަން ދޮށަށް އެއްވެ ފުލުހުންނަށް ހަމަލާދީ، ޕޮލިސް ސްޓޭޝަނަށާއި އެތާގެ މުދަލަށް ގެއްލުންދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ. އަދި ހަމަ އެދުވަހުގެ ވަގުތެއްގައި ގދ. އަތޮޅު ކައުންސިލްގެ އިދާރާ ތެރެއަށް އެ ހަތަރު ކުދިން ވަދެގަތް ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.

އެ ހަތަރު ކުދިންގެ މައްޗަށް ވެސް ދައުވާ ކޮށްފައި ވަނީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ޅ) އާއި (ކ) އާއި ހަވާލާދީ އެގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުން ކަމަށް ޖުވެނައިލް ކޯޓުން ބުންޏެވެ.

އެ ގާނޫނުގައި ބުނަނީ އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 10އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ އަރުވާލުންކަމަށެވެ.

ގާނޫނުގައި އެ އަދަބު ކަނޑައަޅާފައި އޮތްނަމަވެސް ދައުވާ ސާބިތުވެއްޖެ ނަމަ އެ ކުދިންނަށް އަންނާނީ އެއަށްވުރެ ކުޑަ އަދަބެކެވެ. އެއީ ކުޑަކުދިން ކުރާ ކުށްތަކަށް އަދަބު ދިނުމުގައި އަމަލުކުރަންވީ ގޮތުގެ ގަވާއިދުގައި ކުޑަކުދިން ކުރާ ކުށްތަކަށް ދޭންޖެހޭނީ އެ ކުށަށް ގާނޫނުގައި އޮންނަ އެންމެ ލުއި އަދަބެއްގެ ތިން ބައި ކުޅަ ދެ ބައި ކަމަށް ބުނެފައިވާތީ އެވެ.

ފެބްރުވަރީ އަށްވަނަ ދުވަހު ތިނަދޫ ޕޮލިސް ސްޓޭޝަނާއި ތިނަދޫ މެޖިސްޓްރޭޓް ކޯޓާއި އެރަށުގައި ހުންނަ ގދ. އަތޮޅު ކައުންސިލް އިދާރާ ކުރިމައްޗަށް އެއްވެ ޓެރަރިޒަމްގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ 89 މީހެއްގެ މައްޗަށް ވެސް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ. އެ މީހުންގެ ތެރޭގައި ކައުންސިލަރުންނާއި ސިވިލްސާވަންޓުންގެ ގޮތުގައި ވަޒީފާ އަދާކުރާ ބައެއް މީހުން ވެސް ހިމެނެއެވެ.