ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު "ނިޒާމުން ގެއްލުވާލި" މައްސަލާގައި ރައީސް ނަޝީދުގެ މައްޗަށް ދައުލަތުގެ ފަރާތުން ކުރާ ދައުވާ އަނބުރާ ގެންދަން ވިސްނާފައިނުވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

އެ މައްސަލާގައި ރައީސް ނަޝީދުގެ މައްޗަށް ދައުލަތުގެ ފަރާތުން ކުރާ ދައުވާ އަނބުރާ ގެންދިއުމަށް އެދި ނަޝީދުގެ ޕަރާތްތަކުން ހުށަހަޅާފައިވާ ސިޓީއާ ގުޅިގެން ޕީޖީގެ އޮފިޝަލު މިއަދު ވިދާޅުވީ އެމައްސަލަ އަނބުރާ ގެންދިއުމަށް އެމްޑީޕީގެ އެކިއެކި ފަރާތްތަކުން ޕީޖީގައި އެދިފައިވާ ކަމަށާއި ނަމަވެސް މައްސަލަ އަނބުރާ ގެންދިއުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

"ނަޝީދުގެ މައްސަލަ އަނބުރާ ގެންދިއުމުގެ ވިސްނުމެއް ނެތް. އެފަަދަ ގޮތަކަށް ޕީޖީން ވިސްނާފައެއް ވެސް ނެތް، އެމައްސަލަ އަނބުރާ ގެންދިއުމަށް ހުށަހެޅި ފަރާތްތަކަށް ޖަވާބު ދިނުމުގެ މަސައްކަތް ކުރަމުން މިގެންދަނީ،" އޮފިޝަލް ވިދާޅުވި އެވެ.

އެ މައްސަލާގައި އިއްޔެ ބޭއްވުމަށް ޝެޑިލްުކުރި ޝަރީއަތަށް ރައީސް ނަޝީދު ހާޒިރުވަޑައިނުގަތުމުން އެ މައްސަލަ ވަނީ ކެންސަލްކޮށްފަ އެވެ.