11 Feb 2013, 12:38
ރެއާލް މެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ އެކްލަބުގެ ކުރީގެ ތަރި ޒައިނުއްދިން ޒިދާން އަށް ވުރެ މޮޅު ކުޅުންތެރިއެއް ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗް ސާ އެލެކްސް ފާގަސަން ބުނެފި އެވެ.
މި ހަފްތާގެ ބުދަ ދުވަހު މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށް ރޮނާލްޑޯ ނުކުންނަ އިރު، އެމެޗު ވެގެންދާނީ އޭނާ އަށް ވަރަށް ހާއްސަ މެޗަކަށެވެ. އެއީ 2009 ވަނަ އަހަރު ޔުނައިޓެޑުން އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި މެޑްރިޑަށް ބަދަލުވި ފަހުން ޔުނައިޓެޑާއި ދެކޮޅަށް ރޮނާލްޑޯ ކުޅޭނެ ފުރަތަމަ މެޗެވެ.
"މެޑްރިޑްގެ ރައީސް ފްލޮރެންޓީނާ ޕެރޭޒް ފުރަތަމަ މެޑްރިޑާއި ބަދަލުވެ މޮޅެތި ކުޅުންތެރިންތަކެއް ގެންދިޔަ. އެގޮތުން އޭނާ ވަނީ ލުއިސް ފީގޯ އާއި، ރޮބާޓޯ ކާލޯސް އަދި ރައުލް ފަދަ މޮޅެތި ގިނަ ކުޅުންތެރިންތަކެއް ހޯދާފަ. ނަމަވެސް އެކުޅުންތެރިންގެ ތެރޭގައި ރޮނާލްޑޯ ވަރުގެ މޮޅު ކުޅުންތެރިއެއް ނެތް." ފާގަސަން ބުންޏެވެ.
ފާގަސަން އިތުރަށް ބުނިގޮތުގައި، ޒިދާން އަދި ފީގޯ އަކީ ވެސް މޮޅެތި ކުޅުންތެރިންތަކެއް ކަމަށާއި ނަމަވެސް ރޮނާލްޑޯ އަށްވުރެ މޮޅު ކުޅުންތެރިންނެއް ނޫން ކަމަށެވެ. "ޒިދާން އަކީ މޮޅު ކުޅުންތެރިއެއް. އަދި ފީގޯ އަކީ ވެސް މޮޅު ކުޅުންތެރިއެއް. އެކަމަކު އެއީ ރޮނާލްޑޯ އަށްވުރެ މޮޅެތި ކުޅުންތެރިންތަކެއް ނޫން. ރޮނާލްޑޯ ވަނީ މެޑްރިޑްގެ ހުރިހާ ރެކޯޑެއް މުގުރާލާފައި. އޭނާ ވަނީ އަލްފްރެޑް ޑި ސްޓެފަނޯ އާއި، ފެރެންކް ޕުސްކަސް އަދި ހޫގޯ ސަންޗޭސްގެ ރެކޯޑްތައް ވެސް މުގުރާލާފައި." ފާގަސަން ބުންޏެވެ.
ރޮނާލްޑޯ އަކީ ކޮންމެ ކަމެއް ކުރުމުގެ ގާބިލްކަން ހުރި ކުޅުންތެރިއެއް ކަމުގައި ފާގަސަން ގަބޫލު ކުރެއެވެ. "ރޮނާލްޑޯ އަކީ ކޮންމެ ކަމެއް އަދި ނަތީޖާ ބަދަލުކޮށްލުމުގެ ގާބިލްކަން ހުރި މޮޅު ކުޅުންތެރިއެއް. 178 މެޗުން 179 ގޯލް ކާމިޔާބުކުރުމުން އެކަން އެބަ ސާބިތުވޭ. އަހަރެންނަށް އެނގޭ އޭނާ އަށް ދުވަހުން ދުވަހަށް މޮޅު ކުޅުން ދެއްކޭނެކަން. އަހަރެމެން ދޫކޮށް ރޮނާލްޑޯ ދިޔައީ ވަރަށް ޒުވާން އިރު." ފާގަސަން ބުންޏެވެ.
ރޮނާލްޑޯގެ މޮޅު ހުނަރު އޭނާ އަށް ލިބުނީ އޭނާގެ ފަރިތަކުރުންތައް ހުންނަ ގޮތުން ކަމުގައި ފާގަސަން ބުނެއެވެ. "ރޮނާލްޑޯގެ ކޮންމެ ޓްރެއިނިންގް ސެޝަން އޮންނަ ދޮޅު ގަޑިއިރެއްހާ އިރު، ކުރިން އޭނާ އަމިއްލަ އަށް ފަރިތަކުރުންތައް ފަށާނެ. އަހަރެންނަށް ހީވަނީ އޭނާގެ މޮޅު ކުޅުމުގެ ސިއްރަކީ ވެސް އެއީ ހެން. ފަރިތަކުރުންތައް ގިނަކުރަންޏާ، މޮޅު ކުޅުމެއް ވެސް ދެއްކޭނެ." ފާގަސަން ބުންޏެވެ.
ޔުނައިޓެޑާއި ދެކޮޅަށް އަންނަ ބުދަ ދުވަހު މެޑްރިޑް ނުކުންނައިރު، އެމެޗު ވެގެންދާނީ މެޑްރިޑަށް ވެސް ވަރަށް މުހިންމު މެޗަކަށެވެ. އެއީ ފުރަތަމަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ މެޑްރިޑްގެ ސެންޓިއާގޯ ބެނަބާއޯ ސްޓޭޑިއަމްގަ އެވެ.