ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކުރި މައްސަލައިގައި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް މުހައްމަދު ދީދީގެ އިތުރުން ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ޝަރީއަތް ޝެޑިއުލް ކޮށްފިއެވެ.

ޖުޑީޝަރީގެ މީޑިއާ ޔުނިޓްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ތޮލްހަތުގެ ޝަރީއަތް ޝެޑިއުލްކޮށްފައި ވަނީ އަންނަ ހޯމަ ދުވަހުގެ ހަވީރު 4:00 އަށް ކަމަށެވެ. އަދި އިބްރާހީމް ދީދީގެ ޝަރީއަތް މިމަހުގެ 25 ވަނަ ދުވަހުގެ ހަވީރު 4:00 އަށް ޝެޑިއުލް ކޮށްފައި ވާ އިރު ޒިޔާދުގެ ޝަރީއަތް އޮންނާނީ އެ ދުވަހުގެ 5:00 ގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ ތިން ބޭފުޅުންގެ މައްޗަށް ވެސް ދައުލަތުން ކޮށްފައި ވަނީ ކުށް ނުކުރާ މީހަކު ގަސްތުގައި ހިފައި ހައްޔަރު ކުރުމުގެ ދައުވާއެވެ.

އެ ތިން ބޭފުޅުންގެ އިތުރުން ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ވެސް އެ ދައުވާ ވަނީ އުފުލައިފައެވެ.