ލޮނުގައި ދިރިއުޅޭ ކިނބޫ (ސޯލްޑް ވޯޓާ ކްރޮކޮޑައިލް) އާއިލާގެ ކިނބުލުގެ ތެރެއިން ދުނިޔޭގެ އެންމެ ބޮޑު ކިނބުލުގެ ގޮތުގައި ފާހަގަކުރެވިފައިވާ ކިނބޫ މަރުވެއްޖެ އެވެ.

ފިލިޕީންސްގެ ދެކުނުގައިވާ އެކަހެރި ރަށެއް ކަމަށްވާ ބުނަވާންގައި ބަންދުކޮށްފައި އޮތް، ދިގުމިނުގައި 6.7 މީޓަރު ހުންނަ އެ ކިނބޫ މަރުވީ ގޮތް ނޭނގޭ ބައްޔެއް ޖެހިގެން ކަމަށް އެސޮރު ބެލެހެއްޓި މީހުންނާ ހަވާލާދީ އިންޑިއާގެ ހިންދުސްތާން ޓައިމްސް ބުންޏެވެ.

އިންސާނުންނަށް ހަމަލާދީ ކައިއުޅޭ ކަމަށް ބެލެވޭ އެންމެ ބޮޑު ކިނބޫ މަރުވެފައި މިވަނީ އެސޮރު ހިފައި ހައްޔަރުކުރިތާ 17 މަސް ދުވަސްފަހުންނެވެ.

"މިއީ އަހަރެމެންނަށް ވަރަށް، ވަރަށް ހިތާމަވެރި ދުވަހެއް. އެސޮރު އަހަރެމެންގެ ޓައުނަށް މަޝްހޫރުކަން ހޯދައިދިން، މިހާރު އަހަރެމެން މިވިސްނަނީ އެސޮރުގެ ހަށިގަނޑު ކުނިނުވާހެން ރައްކާތެރިކުރަން،" ރަށުގެ ފަރާތުން ވާހަކަ ދެއްކި ވެލިންޑާ އެލޯޑް ބުނި ކަމަށް އޭއެފްޕީ އިން ބުންޏެވެ.

ލޯލޯންގެ ނަންދީފައިވާ ބިޔަ ކިނބޫ، 2011 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބަޔަކު މީހުންގެ އަތްދަށުވީ ކުޑަ އަންހެން ކުއްޖެއްގެ ބޮލުގައި ދަތް އަޅައި އަދި މަސްވެރިއަކަށް ހަމަލާދީ ކާލި ފަހުން ކަމަށް އެމީހުން ބުނެ އެވެ.

ދިރޭތަކެތި ހިމާޔަތްކުރުމަށް މަސައްކަތް ކުރާ ފަރާތްތަކުން ލޯލޯން ދޫކޮށްލަން ގޮވާލަމުން ދިޔަ ނަމަވެސް އެސޮރު ބެލެހެއްޓި ފަރާތްތަކުން ބުނީ ދޫކޮށްލައިފި ނަމަ އަވަށު މީހުން އެސޮރު މަރާލާނެ ކަމަށެވެ. އަދި އެސޮރު ހައްޔަރު ކޮށްފައި އޮތީ އެންމެ ފަސޭހަވާނެ ގޮތަކަށް ކަމަށް ވެސް އެމީހުން ބުނަމުން ދިޔަ އެވެ.

ހައްޔަރު ކޮށްފައިވާ އެވައްތަރުގެ އެންމެ ބޮޑު ކިބުލުގެ ގޮތުގައި ލޯލޯންގެ ނަން ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑްސްއަށް އެރީ މިދިޔަ އަހަރު އެވެ.