ފުޓްބޯޅަ މެޗެއްގައި ކުރިން އެއްވެސް ކުޅުންތެރިއަކު ބޫޓާ ނުލައި ގޯލެއް ޖަހާ ތަނެއް ނުފެންނަ ކަމަށް ޔުވެންޓަސްގެ ޑިރެކްޓަރު އަދި ކުރިން ބަލޮންޑިއޯ އެވޯޑް ކާމިޔާބުކުރި ޕަވެލް ނެޑްވެޑް ބުނެފި އެވެ.

ނެޑްވެޑް މިހެން ބުނީ ފިއޮރެންޓީނާއާއި ދެކޮޅަށް ކުޅުނު މެޗެއްގައި ޔުވެންޓަސްގެ އަލެސެންޑްރޯ މަޓްރީ ބޫޓާ ނުލައި ކާމިޔާބުކުރި ގޯލާއި ގުޅިގެންނެވެ.

މިދިޔަ ހޮނިހިރު ދުވަހު ފިއޮރެންޓީނާ އާއި ދެކޮޅަށް ޔުވެންޓަސް މެޗު ކާމިޔާބުކުރީ 2-0 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ފެނުނު ދެ ގޯލްގެ ތެރެއިން ފުރަތަމަ ގޯލް މާކޯ ވުޗިޗް ކާމިޔާބުކުރި އިރު، ދެވަނަ ލަނޑަކީ ބޫޓާ ނުލައި މަޓްރީ ކާމިޔާބުކުރި ލަނޑެވެ. މަޓްރީ ގޯލަށް ފޮނުވައިލާން އުޅުނު ހަމަލައިގައި އޭނާގެ ބޫޓް ފައިން ދޫވެފައި ވެއެވެ.

"އަހަރެންގެ ކެރިއަރުގައި އަހަރެން ދުވަހަކު ވެސް ކުޅުންތެރިއަކު ބޫޓާ ނުލައި ގޯލެއް ޖަހާތަނެއް ނުދެކެން. ނަމަވެސް މަޓްރީ އެކަން ކުރި ތަން ވަރަށް ސާފުކޮށް ފެނިއްޖެ." ފުޓްބޯޅައިން ރިޓަޔާކޮށްފައިވާ ޗެކް ރިޕަބްލިކްގެ ނެޑްވެޑް ބުންޏެވެ.

ފިއޮރެންޓީނާއާ ދެކޮޅަށް ޔުވެންޓަސް ކުޅުނު މެޗާ ބެހޭ ގޮތުން ނެޑްވެޑް ބުނެފައި ވަނީ ޔުވެންޓަސްގެ ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ. "މި މެޗުގައި ޓީމުން ދެއްކި ކުޅުމާ މެދު ހިތްހަމަ ޖެހޭ. ފިއޮރެންޓީނާއިން ވެސް ދިޔައީ ރަނގަޅު ކުޅުމެއް ދައްކަމުން. ފިއޮރެންޓީނާގައި މޮޅު ކޯޗަކާ އެކު ނުރައްކާތެރި ޓީމެއް ވެސް އެބަ އޮތް." ނެޑްވެޑް ބުންޏެވެ.

އިޓާލިއަން ސެރީއާގެ އެއްވަނައިގައި އަދިވެސް އޮތީ އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސްއެވެ. ފަންސާސް ފަސް ޕޮއިންޓާ އެކު އެއްވަނައިގައި ޔުވެންޓަސް އޮތްއިރު، ދެވަނައިގައި އޮތް ނަޕޯލީއަށް ލިބިފައި ވަނީ ފަންސާސް ޕޮއިންޓެވެ. ތިންވަނައިގައި ލާޒިއޯ އޮތް އިރު، ހަތަރެއް އަދި ފަސްވަނައިގައި އޮތީ އޭސީ މިލާނާއި އިންޓަމިލާނެވެ.