11 Feb 2013, 11:34
އަމިއްލަ އެއާލައިން ކުންފުނި ވިލާ އެއާއިން އޮޕްރޭޓްކުރާ ފުލައިމީއަށް 66 ގޮޑީގެ އާ ބޯޓެއް އިއްޔެ ގެނެސްފައިވާއިރު އެ ވައްތަރުގެ އިތުރު ބޯޓެއް މިއަހަރު ތެރޭގައި ގެނައުމަށްޓަކައި އެގުރިމެންޓްގައި ސޮއިކޮށްފިއެވެ.
ވިލާ އެއާގެ މާކެޓިން އެންޑް ކޮމިއުނިކޭޝަން މެނޭޖާ އަހުމަދު ޝަރީފް މިއަދު ސަން އޮންލައިނަށް ވިދާޅުވީ ދެން ވެސް އެ ކުންފުންޏަށް ގެނައުމަށް ނިންމާފައިވަނީ އިއްޔެ ގެނައި ވައްތަރުގެ އޭޓީއާރް 600-72 މަރުކާގެ 66 ގޮނޑީގެ ބޯޓެއް ކަމަށެވެ. އަދި އެ ބޯޓް ގެނައުމުގެ އެއްބަސްވުމުގައި ފުރާންސްގެ ޖީކާސް ކުންފުންޏާއި ފުލައިމީއާ ދެމެދު އިއްޔެ ސޮއި ކޮށްފައި ވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މި ފަހަރު ވެސް ގެންނަނީ އިއްޔެ ގެނައި ކަހަލަ 66 ގޮނޑީގެ އޭޓީއާރް 600-72 ބުރޭންޑްގެ ބޯޓެއް" ޝަރީފް ވިދާޅުވިއެވެ.
ސަރީފް ވިދާޅުވީ އަލަށް ގެންނަ އެ ބޯޓް ގެނައުމަށް ނިންމާފައިވަނީ އޮކްޓޫބަރު މަހުގެ ތެރޭގައި ކަމަށެވެ.
ފުލައި މީއިން 66 ސީޓްގެ އިތުރު ބޯޓެއް ގެނައުމަށް ނިންމައިފައި ވާ އިރު އެ ކުންފުނިން އިއްޔެ ވެސް ވަނީ އެ ބުރޭންޑްގެ ބޯޓެއް ރާއްޖެ ގެނެސްފައެވެ. އަދި އެ ކުންފުނިން މިހާރު ވެސް ދަނީ 46 ސީޓްގެ ދެ ބޯޓް ބޭނުންކުރަމުންނެވެ. ހަމައެހެންމެ އެ ކުންފުނިން މިހާރު ދަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރުތައް ކުރަމުންނެވެ. އޭގެ ތެރޭގައި ބ. ދަރަވަންދު އާއި އދ. މާމިގިލީގެ އިތުރުން ސ. ގަން ވެސް ހިމެނެ އެވެ.