އެއްގަމު އުޅަނދު ފަހަރުގައި ބޭނުން ކުރާ ޑޮމެއިން ނަންބަރު އެއްގޮތަކަށް ވެސް ނުވިއްކާތާ ހަތް އަހަރު ފަހުން މި މަހުގެ ޑޮމެއިން ނަންބަރު ވިއްކާން ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރާންސްޕޯޓް އޮތޯރިޓީގެ ރަޖިސްޓްރާ އިބްރާހިމް ނާޒިމް ވިދާޅުވީ މި އަހަރު ޑޮމެއިން ނަންބަރު ވިއްކުމަށް ހަމަ ޖެހިފައިވަނީ ނީލަން އުސޫލުން އޮންލައިން ކޮށެވެ. ސައިކަލް ޑޮމެއިން ނަންބަރު ވިއްކާން ނީލަމުގައި ފެށޭ އަގަކީ 15،000.ރ ކަމަށާއި އަދި ކާރު ނަންބަރު ވިއްކާން ފަށާ އަގަކީ 25،000 ކަމަށް އޭނާ ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ނަންބަރުތައް ވިއްކުމަށް ހަމަ ޖެހިފައި ވަނީ ތިން ކެޓަގަރީއަކަށް ބަހާ ލައިގެން ކަމަށާއި ނަމަވެސް ތިން ކެޓެގެރީ ހިމެނޭ ނަންބަރުތައް ވެސް ވިއްކަމުން ދާނީ ހަމަ އެއް ނަންބަރެއްގެ ގޮތުގައެވެ.

ނާޒިމް ވިދާޅުވީ ނީލަން އުސޫލުން ޑޮމެއިން ނަންބަރު ވިއްކަމުންދާނީ ފަހަރަކު 25 ނަންބަރު ކަމަށެވެ.

ނާޒިމް ވިދާޅުވީ ޑޮމެއިން ނަންބަރު ވިއްކާ ހާއްސަ ސޮފްޓްވެއާ އެޅުމަށް ފަހު އެ ޓެސްޓް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

ރީތި ނަންބަރު ގޮތުގައި ބޭނުންކުރާ ޑޮމެއިން ނަންބަރު ބޯޑުގައި ހަމަ އެކަނި އޮންނާނީ އެ ސައިކަލެއްގެ ނަންބަރު އެކަންޏެވެ.