ބްރެޒިލްގެ ސަންތޯސްއަށް ކުޅެމުން ދާ ނޭމާއާ އެކު ސްޕެއިންގެ ބާސެލޯނާއަށް ހުރިހާ އެއްޗެއް ކާމިޔާބު ކުރެވޭނެ ކަމަށް ބްރެޒިލް ގައުމީ ޓީމްގެ ކުރީގެ ގޯލްކީޕަރު ކްލައުޑިއޯ ޓަފަރެލް ބުނެފި އެވެ.

ނޭމާ ހޯދުމުގައި ބާސާއާ އެކު ބަސާއާ ވާދަވެރި ރެއާލް މެޑްރިޑްގެ އިތުރުން ޖަރުމަނުގެ ބަޔާން މިއުނިކް ވެސް މަސައްކަތް ކުރަމުން ދެއެވެ. ނަމަވެސް ނޭމާ ގުޅޭނީ ބާސާއާ ކަމަށް ޓަފަރެލް ގަބޫލު ކުރާ އިރު، ނޭމާ މި ކަމާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް އަދި ނުދައްކައެވެ.

"ލިއޮނެލް މެސީއަށް ހުރިހާ އެއްޗެއް މިހާރު ވެސް އެ ވަނީ ލިބިފައި. ނޭމާއާ އެކު ބާސާއަށް ހުރިހާ މުބާރާތެއްގެ ޗެމްޕިއަންކަން ލިބޭނެ. މިހާރު ވެސް ބާސާގައި ނޭމާއަށް ރަނގަޅު ކުޅުމެއް ދެއްކޭނެ. އަދި ވޯލްޑްކަޕަށް ފަހު ވެސް އެ ކުޅުން ނޭމާއަށް ދެއްކޭނެ. އޭނާ އަކީ ވަރަށް ރަނގަޅު، ފެންވަރު ހުރި އަވަސް ކުޅުންތެރިއެއް." ޓަފަރެލް ބުންޏެވެ.

ބާސާގެ ގޯލްކީޕަރު ވިކްޓާ ވަލްޑޭޒް އެ ކްލަބާ އެކު ކޮންޓްރެކްޓް އާ ކުރުމަށް ދެކޮޅު ހަދާ ކަމުގެ ހަބަރަކީ މިހާރު އެންމެ ބާރަށް ފެތުރެމުން ދާ އެއް ހަބަރެވެ. އަދި ގަލަތަސަރާއީގެ މިހާރުގެ ގޯލްކީޕަރު ކޯޗެއްގެ ގޮތުގައި ހުރި ޓަފަރެލް ބުނީ، ބާސާ އިން ވަލްޑޭޒްގެ މަގާމް ފޫ ބެއްދޭ ވަރުގެ ގޯލްކީޕަރެއް ހޯދުމުގެ މަސައްކަތް ފަށާން ވެއްޖެ ކަމަށެވެ.

"ބާސާގެ ހިޔާލުގައި ފުރަތަމަ ހުންނާން ޖެހޭނީ މަނުއެލް ނޯޔާ. އޭނާ ބަޔާން ދޫ ކޮށް ލާ ނަމަ، ވިލްޑޭޒްގެ މަގާމް ފޫ ބެއްދޭނެ ކީޕަރަކަށް ނޯޔާ ވާނެ. ވެލެންސިއާގެ ޑިއޭގޯ އަލްވޭސް އަކީ ވެސް މޮޅު ހުނަރުތަކެއް ހުރި ކީޕަރެއް." ޓަފަރެލް ބުންޏެވެ.

ބާސާ ދޫ ކޮށް ދާން އުޅޭ ގޯލްކީޕަރުގެ މަންޒިލެއް ކަމަށް ބެލެވެނީ ބްރެޒިލް ނުވަތަ ޖަރުމަނު ނޫނީ މެދުއިރުމައްޗަށެވެ. ފުޓްބޯޅަ ކެރިޔަރު ފެށީއްސުރެ ބާސާއިން ފެންނަމުން ދާ ވަލްޑޭޒް ވަނީ އެ ކްލަބާ އެކު އެގާރަ ސީޒަން ހޭދަ ކޮށްފައެވެ.