11 Feb 2013, 10:40
ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް މި އަހަރު ރައްޔިތުން މަޖިލީހުން ފާސްކުރި، 20 މިލިއަން ރުފިޔާގެ ބަޖެޓަށް 60 މިލިއަން ރުފިޔާ އިތުރުކޮށް، އެ އަދަދު 80 މިލިއަން ރުފިޔާ އަށް ބޮޑުކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބް ވިދާޅުވެއްޖެ އެވެ.
ސަން އޮންލައިނަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޓޫރިޒަމް މިނިސްޓަރު އިއްޔެ ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަކީ ހަރަދު ބޮޑު، އެހެންނަމަވެސް އެ ހަރަދު ކުރުމުން ގައުމަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމެއްް ކަމަށެވެ.
އޭނާ ވިދާޅުވީ މި އަހަރުގެ ބަޖެޓް އެ މިނިސްޓްރީ އިން އެކުލަވާލި އިރު، ޓޫރިޒަމް ޕްރޮމޯޝަނަށް 200 މިލިއަން ރުފިޔާ ކަނޑައެޅުއްވި ކަމަށާއި ނަމަވެސް ރައްޔިތުންގެ މަޖިލީހުން ބަޖެޓް ފާސްކުރި އިރު، އެ އަދަދުން އެއް ސުން މަދުކޮށް، ޓޫރިޒަމް ޕްރޮމޯޝަންގެ މުޅި ބަޖެޓަކީ 20 މިލިއަން ރުފިޔާ އަށް ކުޑަކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެން 200 މިލިއަން ރުފިޔާ ލީމާ ސަރުކާރުގެ ފަރާތްތަކަށް ވެސް އަސްލު އަންޑަސްޓޭންޑެއް ނުވޭ މިއީ ކިހާވަރެއްގެ ޕްރިއާރޮޓީއެއް ދޭން ޖެހޭ ކަމެއް ކަމެއް. ނަމަވެސް މިއިގެން މުޅި އިންޖީނު މި ހިންގަނީ. ޕާލަމެންޓުން 200 މިލިއަން ރުފިޔާ އިން އެއް ސުން ކަނޑާލާފައި 20 މިލިއަން ދިނީ. ދެން އަޅުގަނޑުމެން އެހެންގޮތް ގޮތުން ކުރި މަސައްކަތުން ފިނޭންސް މިނިސްޓަރު ކޮމިޓް އެބަދޭ އިތުރު 60 މިލިއަން [ރުފިޔާ ދިނުމަށް]،" ޓޫރިޒަމް މިނިސްޓަރު ވިދާޅުވި އެވެ.
އަދީބް ވިދާޅުވީ ސަރުކާރުގެ ތެރެއިން ވެސް ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ މުހިންމުކަން ގިނަ ފަހަރަށް ނޭނގޭ ކަމަށާއި ނަމަވެސް މިދިޔަ އަހަރު ޓޫރިޒަމަށް ދިމާވި ގޮންޖެހުންތައް ގިރާކޮށް، ކާމިޔާބު ނަތީޖާތަކެއް ހޯދުނީ ޓޫރިޒަމް އިޝްތިހާރު ކުރެއްވުމަށް ކުރެއްވި މަސައްކަތުން ކަމަށެވެ. އަދި މި އަހަރު ވެސް ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވައި ގިނަ ފެއާތަކެއްގައި ބައިވެރިވުމަށް ނިންމަވާފައިވާ ކަމަށް އަދީބް ވިދާޅުވި އެވެ. އަދި ދުނިޔޭގެ މަޝްހޫރު ނިއުސް ޗެނަލް ބީބީސީގައި ވެސް ރާއްޖެ އިޝްތިހާރު ކުރުމަށް ގިނަ ހަރަކާތްތަކެއް ހިނގުމަށް ނިންމާފައިވާކަން މިނިސްޓަރު ފާހަކަކުރެއްވި އެވެ.
"ރާއްޖޭގެ ބްރޭންޑް ރަނގަޅަށް އެސްޓަބްލިޝް ކުރެވިއްޖެއްޔާ ރާއްޖޭގެ ޕްރޮމޯޓް ކުރެވި ރޫމް ރޭޓް އިތުރެކުރެވޭނެ. އަޅުގަނޑުމެން މާކެޓިންނަށް ލާނެ ކޮންމެ ޑޮލަރަކީ އެތައް ޑޮލަރެއް ލިބޭނެ ކަމެއް." އަދީބް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މި އަހަރު ރާއްޖޭގައި ބޮޑު ދެ ހަފްލާއެއް ބެއްވުމަށް ނިންމަވާފައިވާ ކަމަށާއި އެގޮތުން ދުނިޔޭގެ ޓޫރިޒަމް ދުވަސް ރާއްޖޭގައި ފާހަގަކުރުމަށް ނިންމަވާފައިވާ އިރު ވޯލްޑް ޓުރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީ ވެސް ރާއްޖޭގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ އިވެންޓްތަކުގެ ތެރޭގައި ވެސް ބޭރުގެ ނޫސްވެރިން ގެނެސްގެން ރާއްޖެ އިޝްތިހާރު ކުރައްވާނެ ކަމަށެވެ.
ރާއްޖޭގެ މި އަހަރުގެ ޓޫރިޒަމް އިޝްތިހާރު ބަޖެޓަކީ ހަމައެކަނި 20 މިލިއަން ރުފިޔާ ކަމަށް ކަނޑައެޅުމުން މަޓީން ވަނީ އެެކަމަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.