އިޓާލިއަން ލީގުގައި ރޭ ކަލިއާރީއާ ދެކޮޅަށް އޭސީ މިލާން ކުޅުނު މެޗް 1-1 ލަނޑުން ދެ ޓީމް އެއްވަރުވެއްޖެ އެވެ.

ރަށުން ބޭރުގައި ރޭ މިލާން ކުޅުނު އެ މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ ކަލިއާރީއާ އެވެ. އެލަނޑު މެޗުގެ ފުރަތަމަ ހާފުގެ 45 ވަނަ މިނެޓުގައި ކަލިއާރީއަށް ކާމިޔާބު ކޮށްދިނީ ކޮލަމްބިއާގެ ފޯވާޑް ވިކްޓަ އިބާބޯ އެވެ.

އެއް ލަނޑުގެ ލީޑަކާއެކު މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ކަލިއާރީއިން ނިއްމާލި ކަމުގައި ވިޔަސް، އޭސީ މިލާނުން ވަނީ މެޗުގެ ދެ ވަނަ ހާފުގެ 82 ވަނަ މިނެޓުގައި ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 1-1 ލަނޑަށް އެއްވަރު ކޮށްފަ އެވެ.

މިލާނަށް އެއްވަރު ކޮށްދިން ލަނޑު، ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ކާމިޔާބު ކޮށްދިނީ އިޓަލީގެ ފޯވާޑް މާރިއޯ ބަލޮޓެލީ އެވެ. މިއީ ބަލޮޓެލީ އޭސީ މިލާނަށް ބަދަލުވި ފަހުން އޭނަ އެޓީމަށް ކާމިޔާބު ކޮށްދިން ތިން ވަނަ ލަނޑެވެ.

ރޭގެ މެޗުގައި މިލާނަށް ޕެނަލްޓީ ލިބުނީ ކަލިއާރީގެ ޑޭވިޑް އެސްޓޯރީ، ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބަލޮޓެލީ އަށް ކުރި ފައުލަކުންނެވެ. އަދި އެއަށްފަހު ރެފްރީ ވަނީ އެސްޓޯރީ އަށް ރަތްކާޑު ދައްކައި ދަނޑު ފޮނުވާލައިފަ އެވެ.

ރޭ ކަލިއާރީއާ އަތުން މިލާން އެއްވަރު ވުމުން ލީގުގައި އޭސީ މިލާން އޮތީ 41 ޕޮއިންޓާއެކު ފަސް ވަނައިގަ އެވެ. އަދި އޭސީ މިލާނާ އެންމެ ވާދަވެރި އިންޓަ މިލާން ވަނީ ރޭ އަމިއްލަ ދަނޑުގައި ކިއޭވޯ އަތުން 3-1 އިން މޮޅުވެ 43 ޕޮއިންޓާއެކު ހަތަރު ވަނަ އަށް ކުރިއަށް ޖެހިލައިފަ އެވެ.

ލީގުގެ އެއްވަނަ މަގާމްގައި 55 ޕޮއިންޓާއެކު ޔުވެންޓާސް އޮތް އިރު، ދެ ވަނަ މަގާމްގައި 50 ޕޮއިންޓާއެކު އޮތީ ނަޕޯލީ އެވެ. އަދި ތިން ވަނަ މަގާމްގައި 44 ޕޮއިންޓައެކު އޮތީ ލަޒިއޯ އެވެ.