11 Feb 2013, 10:37
މިސީޒަނުގައި ސްޕެއިންގެ ރެއާލް މެޑްރިޑްގެ އެންމެ ބޮޑު އަމާޒަކަށް ވާނީ ޔޫއެފާ ޗެމްޕިއަންސް ލީގު ކަމުގައި އެކްލަބުގެ އެސިސްޓަންޓް ކޯޗް އައިޓޯ ކަރަންކާ ބުނެފި އެވެ.
ސްޕެނިޝް ލަލީގާގައި މިދިޔަ ހޮނިހިރު ދުވަހު ސެވިއްޔާ އާއި ދެކޮޅަށް މެޑްރިޑް ކުޅުނު މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ހެޓްރިކާއެކު މެޑްރިޑް ވަނީ ފަސޭހަކަމާއެކު މޮޅުވެފަ އެވެ. ސެވިއްޔާ އަތުން 4-1 މެޑްރިޑް މޮޅުވި މެޗުގައި ރޮނާލްޑޯ ދިން ބޯޅައަކުން މެޑްރިޑްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ބެންޒެމާ އެވެ. މެޗު ނިމެން ދެމިނެޓަށް ވެފައި ވަނިކޮށް ސެވިއްޔާގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މަނޫ އެވެ.
"ސެވިއްޔާ އާއި ދެކޮޅަށް ކުޅުނު މެޗުގައި ވެސް އަހަރެމެން ލަލީގާގައި ކޮންމެ މެޗަކުން މޮޅުވާން ބޭނުންވާ ކަން ވެސް ހާމަވޭ. ޗެމްޕިއަންސް ލީގުގެ މެދަކާއި ހަމައަށް މިހާރު އެދިޔައީ. އަހަރެމެންގެ އެންމެ ބޮޑު އަމާޒަކީ ވެސް ޗެމްޕިއަންސް ލީގު،" ކަރަންކާ ބުންޏެވެ.
ސެވިއްޔާ އާއި ދެކޮޅަށް ކުޅުނު މެޗު ނިމެން 20 މިނެޓަށް ވެފައި ވަނިކޮށް މެޗުގައި ހެޓްރިކެއް ކާމިޔާބުކުރި ރޮނާލްޑޯ ވަނީ އޭނާގެ ކުރީގެ ކްލަބު ޔުނައިޓެޑާއި ދެކޮޅަށް އަންނަ ބުދަ ދުވަހު ކުޅޭ މެޗަށް އަރާމް ކުރުމަށްޓަކައި ބާލާފަ އެވެ.
"ރޮނާލްޑޯގެ ހާލަތު ރަނގަޅު. އޭނާ ވަރަށް މަސައްކަތް ކުރޭ އަދި ކުޅެން ޖެހޭ. ރޮނާލްޑޯ އަށް އެ ހެޓްރިކް ހައްގުވޭ. ޓީމުން ދަނީ ކޮންމެ ދުވަހު ހެން ގިނަ މަސައްކަތްތަކެއް ކުރަމުން. ކޮންމެ މެޗަކީ ވެސް ހާއްސަ މެޗެއް. ނަމަވެސް ބުދަ ދުވަހު މިއަށްވުރެ ގިނަ މަސައްކަތްތަކެއް ކުރަންޖެހޭނެ." ކަރަންކާ ބުންޏެވެ.
ރެއާލް މެޑްރިޑަކީ ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ކްލަބެވެ. އޭގެ އިތުރުން މެޑްރިޑަކީ ޖެހިޖެހިގެން ފުރަތަމަ ފަސް އަހަރު މިމުބާރާތް ކާމިޔާބުކުރި ކްލަބެވެ. އެކްލަބަށް މިސީޒަންގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވިއްޖެ ނަމަ، އެ މުބާރާތް ވެގެންދާނީ އެކްލަބުން ކާމިޔާބުކުރާ ދިހަ ވަނަ ޗެމްޕިއަންސް ލީގަށެވެ. އެންމެ ފަހުން މެޑްރިޑުން ޗެމްޕިއަންސް ލީގު ކާމިޔާބުކުރީ 2002 ވަނަ އަހަރު އެވެ.