އިއްޔެ ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު ޔޫތު ޗެމްޕިއަންޝިޕް 2013ގެ ސެމީފައިނަލްގެ ދެވަނަ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު ނަތީޖާ އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން ވީބީ ބަލިކޮށް ފައިނަލްގެ ދެވަނަ ޖާގަ ވެލެންސިޔާ އިން ހޯދައިފި އެވެ.

އިއްޔެގެ މެޗުގެ ތިންވަނަ މިނިޓުގައި ވީބީގެ އަހްމަދު ޝުޖާއު ލަނޑެއް ކާމިޔާބު ކާމިޔާބުކޮށް އެޓީމަށް ކުރިހޯދައި ދީފައި ވަނިކޮށް މެޗުގެ ނަތީޖާ ވެލެންސިޔާއަށް އެއްވަރު ކޮށްދިނީ 22 ވަނަ މިނިޓުގައި އަބްދުއް ރަހްމާން މުހައްމަދު އެވެ. އަދި އޭގެ ދެ މިނިޓް ފަހުން ކެޕްޓަން އަބްދުލް ވާހިދު ވަނީ ލަނޑެއް ކާމިޔާބުކޮށް ވެލެންސިޔާ އަށް ކުރި ހޯދައި ދީފަ އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން އަބްދުއް ރަހްމާން މުހައްމަދު ވަނީ ދެވަނަ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ތިނެއް އެކަކަށް ބަދަލު ކޮށްދީފަ އެވެ.

ދެ ވަނަ ހާފުގައި ވީބީ އިން ކުޅުން އިތުރަށް ރަނގަޅުކޮށް އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބު ކުރީ މެޗުގެ 58 ވަނަ މިނިޓުގައި ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން އަހްމަދު ޝުޖާއު އެވެ. އަދި އެ ޓީމަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ 76 ވަނަ މިނިޓުގައި އިސްމާއިލް ޖުހައިން ޒާހިރު އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވީ އިރު ތިނެއް ތިނަކުން ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. އެގޮތުން ވެލެންސިޔާ މެޗު ކާމިޔާބުކުރީ ހަތްލަނޑު ހަލަނޑުން ނެވެ. ވެލެންސިޔާގެ ހަތަރު ޕެނަލްޓީ ކާމިޔާބު ކޮށްދިނީ އަބްދުލް ވާހިދު އިބްރާހީމް، މުއާން މޫސާ މަނިކު، އަހްމަދު ވިސާމް އަދި އަންސާރު އިބްރާހިމްފުޅު އެވެ. ވީބީގެ ޕެނަލްޓީތައް ކާމިޔާބު ކޮށްދިނީ މުހައްމަދު ވިޝާހް، އިސްމާއިލް ޖުހައިން ޒާހިރު އަދި އަހްމަދު ޝުޖާއު އެވެ.

ބުދަދުވަހު ހަވީރު 4:05ގައި ގަލޮޅު ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ ޔޫތު ޗެމްޕިއަންޝިޕް 2013ގެ ފައިނަލް މެޗުގައި ބައްދަލު ކުރާނީ، ބީޖީ ސްޕޯޓްސް ކުލަބާއި ކުލަބް ވެލެންސިޔާ އެވެ.