11 Feb 2013, 10:26
އިނގިރޭސި ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި އެވަޓަން ބައްދަލު ކުރިމެޗު ދޭއްސުމަކުން އެވަޓަން ބަލިކޮށް ޔުނައިޓެޑް ލީގު ތާވަލުގެ ކުރީގައި ދަމަހައްޓަމުން އައި ލީޑް 12 ޕޮއިންޓަށް ފުޅާކޮށްފި އެވެ.
ރޭގެ މެޗުގައި ޔުނައިޓެޑްގެ ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ ފުރަތަމަ ހާފުގެ 13 ވަނަ މިނިޓިގައި އެ ޓީމުގެ އެންމެ ދުވަސްވީ އެއްކުޅުންތެރިޔާ ރަޔާން ގިގްސް އެވެ. އަދި ފުރަތަމަ ހާފުގެ ފަހު މިނިޓުގައި އެޓީމުގެ ޑަޗް ސްޓްރައިކާ ރޮބިން ވެންޕާސީ ވަނީ ޓީމަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ދޭއް ސުމަކަށް ނަތީޖާ ފުޅާ ކޮށްފަ އެވެ.
ރޭގެ މެޗުން ޔުނައިޓެޑް މޮޅުވެފައިވާ އިރު ހޮނިހިރުދުވަހު ސިޓީ އާއި ސައުތްހެމްޓަން ކުޅުނު މެޗުން ސިޓީ ތިނެއް އެކަކުން ބަލިވުމުން ޔުނައިޓެޑަށް މިހާރު ވަނީ އެމީހުންގެ 20 ވަނަ ލީގުޓައިޓްލް ހޯދުމުގެ ފުރުސަތު ވަރަށް ބޮޑަށް ފުޅާވެފަ އެވެ. ކޮންމެ ޓީމަކަށް ލީގުގައި މިހާރު ބާކީ ކުޅެން އޮތީ ގާތްގަނޑަކަށް 12 މެޗެވެ.
ޔުނައިޓެޑްގެ މިކާޔާބާއެކު އެ ޓީމަށް ވަނީ މިމަހު 14 ވަނަ ދުވަހު އެ ޓީމު ކުޅުމަށް ހަމަޖެހިފައިވާ ޗެމްޕިއަންސް ލީގު މެޗަށް ވެސް އިތުރު ހިތްވަރެއް ލިބިފަ އެވެ. ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ޔުނައިޓެޑް ވާދަ ކުރަން ޖެހޭނީ ސްޕެއިންގެ ރެއާލް މެޑްރިޑާ އެވެ. ރޭ ޔުނައިޓެޑްގެ މެޗު ބަލައިލުމަށް ރެއާލް މެޑްރިޑްގެ ކޯޗް ހޯސޭ މޮރީނިއޯ ވެސް ވަނީ އޯލްޑް ޓްރަފޮޑަށް ހާޒިރުވެފަ އެވެ.
ނިމިދިޔަ ސީޒަންގައި ޔުނައިޓެޑާއި އެވަޓަން އޯލްޑް ޓްރަފޮޑްގައި ބައްދަލުކުރި މެޗުގައި ހައިރާންކުރުވަނިވި ނަތީޖާއެއް އެވަޓަން އިން ނެރުނު ކަމުގައިވީ ނަމަވެސް ޑޭވިޑް މޮޔޭސްގެ ޓީމަށް މިފަހަރު ޔުނައިޓެޑްގެ ދަނޑުގައި ރަނގަޅު ކުޅުމެއް ދެއްކޭގޮތެއް ނުވި އެވެ. ހުސްވި ސީޒަންގައި އެވަޓަން ވަނީ ޔުނައިޓެޑް ހަތަރެއް ދޭއްގެ ލީޑެއް ހޯދާފައި ވަނިކޮށް ފަހަތުން އަރައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
މެޗަށްފަހު އެވަޓަންގެ ކޯޗު ޑޭވިޑް މޮޔެސް ބުނީ މިއީ އެޓީމު ލީގުގައި ބަލިވި ހަތަރުވަނަ ފަހަރު ކަމަށާއި އަދި ރަނގަޅު ޓީމެއްގެ އަތުން އެޓީމު ބަލިވި ފުރަތަމަ މެޗު ކަމަށެވެ. އަދި އޭނާ އިތުރަށް ބުނީ ޔުނައިޓެޑްފަދަ ވަރުގަދަ ޓީމަކަށް ސިޓީފަދަ ޓީމަކާއި 12 ޕޮއިންޓުގެ ތަފާތެއް ހޯދުމުން އެއީ ވަރަށް ބޮޑު "ގެޕެއް" ކަމަށާއި އެހެން ނަމަވެސް ފުޓްބޯޅައަކީ ހީކުރާ ގޮތާ ހިލާފަށް ގިނަފަހަރު ނަތީޖާ ނުކުންނަ އެއްޗެއް ކަމުން އަދިވެސް ލީގު އެނބުރުމަކީވެސް ނުވެ ނުދާނެ ކަމެއް ކަމަށް ބުނަން ނޭނގޭ ކަމަށެވެ.
ޔުނައިޓެޑް ތާވަލުގެ އެއްވަނައިގައި އޮތީ 65 ޕޮއިންޓާއެކުގަ އެވެ. އަދި ދެވަނައިގައި އޮތް ސިޓީއަށް 53 ޕޮއިންޓް ލިބިފައިވާ އިރު ތިންވަނައިގައި އޮތް ޗެލްސީއަށް ލިބިފައިވަނީ 49 ޕޮއިންޓެވެ. ހަތަރުވަނައިގައި ޓޮޓެންހަމް އޮތީ 48 ޕޮއިންޓާ އެކުގައެވެ.