11 Feb 2013, 10:09
ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމަށް ޓަކައި ރިޔާސީ ބަޔާން އިއްވާ ޖަލްސާ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އަންގައިފި އެވެ.
ސަތާރަ ވަނަ ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވާ ޖަލްސާ އަންނަ މަހުގެ ހަތަރެއްގައި ބާއްވާނެ ކަން ރައީސް ވަހީދަކާއި މަޖިލީހުގެ މެންބަރުންނަށް އަންގެވީ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދެވެ. މަޖިލިސް ހުޅުވާ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށް، ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަން ޖެހޭ ކަމަށް ރައީސް އަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސް ވަހީދު މަޖިލީހަށް އިއްވަން ޖެހިވަޑައިގަންނަވާނެ އެވެ.
ރައީސް ވަހީދުގެ ވެރިކަމަށް އެއް އަހަރު ފުރުމަށް ފަހު، ރިޔަސީ ބަޔާން އިއްވުމަށް މަޖިލީހަށް ވަޑައިގަންނަވާ އިރު، މިދިޔަ އަހަރު ރިޔާސީ ބަޔާން އިއްވެވީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި މަޖިލިސް އެންމެ ބޮޑަށް "ގަޑުބަޑު" ކޮށްލާފައިވަނިކޮށެވެ. ރިޔާސީ ބަޔާން އިއްވެވުމަށް ރައީސް ވަހީދަށް ހުރަސް އެޅުމުގެ ގޮތުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން މިދިޔަ އަހަރު ވަނީ ރައީސް ވަހީދަށް ހުރަސް އެޅުމުގެ ގޮތުން މަޖިލީހުގައި ހަމަނުޖެހުން ހިންގާފަ އެވެ. އަދި އެ ހަމަނުޖެހުންތަކުގައި މަޖިލީހުގެ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއްވި އެވެ.
މިއަހަރު ވެސް ރައީސް ވަހީދު ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި އެމްޑީޕީން މަޖިލީހުގައި އިހްތިޖާޖު ކުރާނެ ކަމުގެ އިންޒާރު އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވަނީ ދެއްވާފަ އެވެ.