11 Feb 2013, 10:06
އދ. ދަނގެތީގައި ކޮމްޕިއުޓަރު ކުލާހެއް ހިންގައިދޭން އެ ރަށަށް ގޮސް ހުރި ބިދޭސީ ޓީޗަރަކު ރޭޕްކޮށްލައިފި ކަމަށް އެ ރަށު ބަޔަކު ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ހަސަން ހަނީފް ވެސް ވަނީ އެެކަން ކަަށަވަރުކޮށްދީފަ އެވެ. ހަނީފް ވިދާޅުވީ ދަނގެތީގައި ބިދޭސީ އަންހެނަކު ރޭޕް ކުރުމުގެ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި ރޭ ދަންވަރު ހިނގި އެ ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ހަނީފް ވިދާޅުވި އެވެ.
ދަނގެތިން ސަން އަށް ވާހަކަ ދެއްކި މީހަކު ބުނީ ރޭ ހިނގި އެ ހާދިސާގައި ރޭޕްކޮށްލާފައި ވަނީ ސީއައިޓީއެމް ކިޔާ ބައަކު ހިންގާ ކޮމްޕިއުޓާ ކްލާހެއްގައި ކިޔަވައިދިނުމަށް އެ ރަށަށް ގޮސް ހުރި އަންހެން ޓީޗަރެއް ކަމަށެވެ. އަދި އަންހެން މީހާ ރޭޕްކޮށްލާފައި ވަނީ އޭނާއާ އެކު އެގޭގައި އުޅުނު މީހުން އެގޭގައި ނެތިސް ކަމަށް ވެސް އެމީހާ ބުންޏެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް އޭނާ ނުބުނެ އެވެ.
ދަނގެތިން ސަން އަށް މައުލޫމާތު ދިން މީހާ ބުނި ގޮތުގައި ރަށުގެ މީހުން ދިރިއުޅޭ ހިސާބުގައި ހުރި އެގެއަށް ރޭ ބަޔަކު ވަދެ އަންހެން މީހާ ރޭޕް ކޮށްލުމުގެ އިތުރުން އެގޭގެ ހުރި އަންހެން މީހާގެ ފައިސާ އާއި ކޮމްޕިއުޓަރު ފަދަ އެއްޗެހި ވަގަށް ގެންގޮސްފައިވެ އެވެ. ދަނގެތިން ވާހަކަ ދެއްކި މީހުން ބުނާ ގޮތުގައި ވޭތުވެދިޔަ ދެ ތިން ރޭ ވަނީ އެ ރަށުގެ ގޭގެއިން ވައްކަން ކުރުން ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އަދި ފުލުހުން އެރަށުގައި ތިބޭ އިރު ވެސް އެކަން ކަން ކޮންޓްރޯލް ކުރެވިފައިނުވާ ކަމަށް އެ ރަށު މީހުން ބުނެ އެވެ.