11 Feb 2013, 09:53
ސިފައިންގެ އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ ބްރިގޭޑިއާ ޖެނެރަލް އަހުމަދު ނިލާމްގެ މައްޗަށް ހުށަހަޅާފައިވާ މައްސަލައެއް ބަލަމުންދާތީ އޭނާއާ ހަވާލުކޮށްފައިވާ އެންމެހާ މަސްއޫލިއްޔަތުތަކުން ސަސްޕެންޑްކޮށްފައިވީ ނަމަވެސް އޭނާ ސަސްޕެންޑްކޮށްފައި ވަނީ ސިފައިންގެ ވަޒީފާ އަށް ބަރާބަރަށް ނުކުމެވަޑައިގަންނަވާ ގޮތަށް ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
ކާނަލް އަބްދުއްރަހީމް އަބްދުލްލަތީފު މިއަދު ސަން އަށް ވިދާޅުވީ ނިލާމް ސަސްޕެންޑްކޮށްފައި ވަނީ އޭނާ އަދާ ކުރައްވަމުން ގެންދެވި ވަކި ހާއްސަ މަސައްކަތްތަކެއް ކުރުމުން ކަމަށާއި އެ މަސައްކަތްތަކުން ސަސްޕެންޑް ކުރި ނަމަވެސް ސިފައިންގެ ތެރޭގައި އެހެން މަަސައްކަތްތައް ކުރައްވަމުން ގެންދަވާނެ ކަމަށެވެ. ނަމަވެސް އެއީ ކޮން މަސައްކަތްތަކެއް ކަމެއް ސީދާ އޮފިސަރު ވިދާޅެއްނުވެ އެވެ.
"އޭނާ (ނިލާމް)ގެ މައްސަލައެއް ބަލަމުން ގެންދާތީ އެނާއާ ހަވާލުކޮށްފައިވާ ކޮމާންޑަރު ކަމުގެ މަސްއޫލިއްޔަތުތައް މިވަނީ ނަގާފައި. ނަމަވެސް ވަޒީފާ އަށް ނިކުންނެވޭ ގޮތަށް އޮތީމަ އެހެން މަސައްކަތްތައް ކުރެވޭނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ނިލާމް ސަސްސްޕެންޑްކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު ކޮމެޓީ އަށް އޭނާ ދެއްވި އިންޓަވިއުއެއް މަޖިލީހުގެ އެ ކޮމެޓީން އާންމު ކުރިތާ 48 ގަޑި އިރު ވެސް ނުވަނީހެވެ.
ނިލާމް އެމްޑީޕީ މެޖޯރިޓީ އޮންނަ ކޮމެޓީގައި ވިދާޅުވެފައި ވަނީ ސިފައިންގެ ހަފްލާއެއްގެ ތެރޭގައި ކުރީގެ ރައީސް މުހަންމަދު ނަޝީދު އަވަހާރަކޮށްލަން ރާވަމުން ދިޔަ ކަމުގެ ޖާސޫސީ މައުލޫމާތު ލިބިވަޑަގެންފައިވާ ކަމަށެވެ. ނަމަވެސް އެ މައުލޫމާތުގެ މައްޗަށް އޭރު އެއްވެސް ފިޔަވަޅެއް އެޅުއްވި ކަމަކަށް އޭނާ ވިދާޅެއް ނުވެ އެވެ.