ޖޮހޮނަސް ބާގުގެ ސޮކަ ސިޓީ ސްޓޭޑިއަމްގައި ރޭ ކުޅުނު އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ފައިނަލްގައި އެކެއް ސުމަކުން ބުރްކިނާފާސޯ ބަލިކޮށް ނައިޖީރިއާ ތިންވަނަ ފަހަރަށް ކަޕް އޮފް ނޭޝަންގެ ޓްރޮފީ ކާމިޔާބު ކޮށްފި އެވެ.

ސައުތު އެފްރިކާގެ ވެރިރަށުގައި ރޭކުޅު އެފްރިކާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ފައިނަލްމެޗުގައި ފެނިގެންދިޔަ ހަމަ އެކަނި ގޯލް ކާމިޔާބު ކޮށްދިނީ ފުރަތަމަ ހާފުގެ 40 ވަނަ މިނިޓުގައި ސަންޑޭ އެމްބާ އެވެ.

ނައިޖީރިއާ ކޮންޓްރޯލް ކުރަމުން ދިޔަ އެ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްލާނޭ ރަނގަޅު ފުރުސަތެއް ބުރްކިނާފަސޯ އަށް ލިބުނު ކަމުގައިވީ ނަމަވެސް ވަނީ ބޭކާރު ވެފަ އެވެ. އަދި ނައިޖީރިއާ އިންވެސް ވަނީ ނަތީޖާ ބަދަލުކޮށްލާނޭ އިތުރު ފުރުސަތު ތަކެއް ވެސް ތަނަވަސް ކޮށްފަ އެވެ.

މުބާރާތް ފެށުމުގެ ކުރިން ނައިޖީރިޔާގެ ކޯޗް ސްޓެފަން ކެޝީ ޓީމުނެގިގޮތާ މެދު ހިތްހަމަ ނުޖިހިގެން ގިނަބަޔަކު ފާޑުކީ ނަމަވެސް އޭނާ މިވަނީ އޭނާގެ ސިލެކްޝަނަކީ އެންމެ ރަނގަޅު ސިލެކްޝަން ކަން ސާބިތު ކޮށްދީފަ އެވެ.

ކެޝީ ބުނެފައި ވަނީ މީގެ ދޮޅު އަހަރު ކުރިން އޭނާ ނައިޖީރިއާ ޓީމާ ހަވާލުވީ އެޓީމަކީ މުޅި ނައިޖީރިއާ ފަހުރުވެރިވާނޭ ފަދަ ޓީމަކަށް ހެދުމަށް ކަމަށާއި އަދި ބްރެޒިލްގައި އޮންނަ ކޮންފެޑެރޭޝަން ކަޕްގައި އެފްރިކާ ބައްރު ތަމްސީލު ކޮށްދޭ ޓީމަކަށް ނައިޖީރިއާ ހެދުމުގެ ފޮނި އުއްމީދުގައި ކަމަށެވެ.

ދުނިޔޭގެ ފުޓްބޯޅަ ރޭންކިންގެ 52 ވަނައިގައި އޮތް ނައިޖީރިއާ އެފްރިކާ ބައްރުގެ ޗެމްޕިއަންކަން ހޯދާފައިވަނީ 1980 ވަނަ އަހަރާއި 1994 އަދި މިއަހަރު އެވެ.