ނ. އަތޮޅު މަނަދޫ ކައުންސިލްގެ ރައީސާއި ނައިބު ރައީސް އަދި ކައުންސިލްގެ އިތުރު މެންބަރަކު ރޭ އެމްޑީއޭ އާ ގުޅިވަޑައިގަތުމާ ގުޅިގެން އެ ކައުންސިލްގެ މެޖޯރިޓީ އެ ޕާޓީ އަށް ލިބިއްޖެ އެވެ.

އެމްޑީއޭއާ ގުޅިވަޑައިގެންނެވި ތިން ކައުންސިލަރުންނަކީ ކައުންސިލްގެ ރައީސް އިބްރާހީމް ނަސީރާއި ނައިބު ރައީސް އަލީ ޝިފާޒާއި ކައުންސިލްގެ މެންބަރު އަބްދުލްހަމީދު ހުސެއިން އެވެ. މި ތިން ކައުންސިލަރުން ވެސް ކުރިން ތިއްބެވީ ޑީއާރްޕީގަ އެވެ.

އެ ތިން ކައުންސިލަރުން އެމްޑީއޭ އަށް ސޮއި ކުރެއްވީ މެންބަރުން އިތުރުކުރުމަށް ނ. އަތޮޅުގައި އެމްޑީއޭ އިން ކުރިޔަށް ގެންދާ ޚާއްސަ ހަރަކާތްތަކުގެ ތެރެއިން، އެ އަތޮޅުގައި އޮންނަ ހިލްޓަން، އިރުފުށި ބީޗް އެންޑް ސްޕާ ރިސޯޓުގައި ރޭ އޮތް ޚާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި އެމްޑީއޭގެ އިންތިގާލީ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާއި އިންތިގާލީ ނައިބު ލީޑަރުން ކަމަށްވާ އަހުމަދު އާމިރު އަދި އަލީ މައުރޫފު ބައިވެރިވެވަޑައިގަތެވެ.

މެންބަރުން އިތުރުކުރުމަށް އެމްޑީއޭ އިން ކުރިޔަށް ގެންދާ ހަރަކާތްތައް ވަރަށް ވެސް ކާމިޔާބު ކަމަށް އެމްޑީއޭގެ ވަގުތީ ސްޕޯކްސްޕާސަން އަދި ޕާޓީގެ ޑެޕިއުޓީ ލީޑަރު އަހުމަދު އާމިރު ވިދާޅުވި އެވެ. އެ ގޮތުން ނ. އަތޮޅުގެ ގިނަ ރަށްރަށުގައި މިހާރު މެޖޯރިޓީ ޕާޓީ އަކީ ވެސް އެމްޑީއޭކަން އޭނާ ވަނީ ފާހަގަ ކުރައްވައިފަ އެވެ.