ތައުލީމީ ދާއިރާ އިން އިސްލާމީ ތައުލީމާއި އިސްލާމީ އަހުލާގު ނައްތައިނުލުމަށް ގޮވާލައި، މާލޭގެ ބައެއް ސްކޫލްތަކުގެ ބެލެނިވެރިންތަކެއް މުލިއާގޭ ދޮށަށް އެއްވެއްޖެ އެވެ.


މިއަދު އަސުރު ނަމާދަށް ފަހު ރައީސުލްޖުމްހޫރިއްޔާ ހުންނަވާ ރަސްމީ ގެކޮޅު، މުލިއާގެ ކައިރިއަށް އެއްވި މީހުން ބުނީ އެމީހުން އެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ ތައުލީމީ ނިޒާމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކާމެދު ހިތްހަމަނުޖެހޭތީ އެ ކަންކަން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ދަންނަވަން ކަމަށެވެ.


ބޮޑު އެއް ބެނާ ހިފައިގެން ތިބި 50 އަށް މީހުން ބުނީ އެމީހުންނަކީ ދަރިވަރުންގެ ބެލެނިވެރިން ކަމަށައި އެ މީހުން ބޭނުންވަނީ ދަރިވަރުންގެ އަހުލާގަށް އަންނަމުންދާ ނުރަނގަޅު އަސަރުތައް ރައީސް މުހައްމަދު ނަޝީދަށް ދަންނަވައިގެން އެކަން ހައްލު ކުރަން ކަމަށެވެ.


އެމީހުން ބުނީ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތޮފާ ލުތުފީ، ސިޔާސަތެއް ކަނޑައަޅުއްވައި ދެ ޖިންސް އެއްކޮށްލައިގެން މަސްހުނިކޮށް ކިޔަވައި ދިނުމަކީ އިސްލާމް ދީނާއި އަހުލާގު ނައްތާލުމަށް ކަނޑަ އަޅާފައިވާ ސިޔާސަތެއް ކަމަށާއި އެ ސިޔާސަތު ބަދަލު ކުރުވަން ސަރުކާރަށް މަޖުބޫރު ކުރުވާނެ ކަމަށެވެ.


"މިއީ ފެށުމެއް. މަދަނީ ޖަމާއަތްތަކާއެކު މިކަމާ ދެކޮޅަށް ހުރިހާ  އެންމެން ނެރޭނަން،" އެއްވުން ލީޑްކުރި މީހުންގެ ތެރެއިން އެކަކު ބުންޏެވެ.


އެކަކު ބުނީ މީގެ ކުރިން ވެސް ބަޔަކު އެމީހުންގެ ޝުއޫރު ހިފައިގެން މުލިއާގޭ ދޮށަށް އެއްވުމުން އެ މީހުންގެ ޝުއޫރު ރައީސް އައްސަވާފައިވާ ކަމަށާއި ކާރާއި ސައިކަލް ރޭސް ނުޖެހިގެން ރައީސް އޮފީސް ކުރިމައްޗަށް ދިޔަ މީހުންނަށް ވެސް "ފެހި ސިގުނަލް" ދެއްވާފައިވާ ކަމަށެވެ.


"އަޅުގަނޑުމެން މިއެދެނީ ތައުލީމީ ނިޒާމުގެ ތެރެއިން އަހުލާގާއި އިސްލާމްދީން ނައްތާ ނުލުމަށް. އެ އަޅުގަނޑުމެން އުންމީދު ކުރަނީ އަޅުގަނޑުމެންގެ ޝުއޫރުތައް ރައީސް އައްސަވާނެ ކަމަށް،" މުންނާރު ކުރިމަތީގައި ތިބެ ސުލްހަވެރިކަމާއެކު ޝުއޫރު ފާޅު ކުރި މީހުންގެ ތެރޭގައި ހުރި މުހައްމަދު އަލީ ބުންޏެވެ. އެއްވި މީހުން އެމީހުން ގެންގުޅުނު ބެނާއިން ޝުއޫރު ފާޅުކުރުން ފިޔަވައި އިތުރު އެއްވެސް ކަމެއް ނުކުރެ އެވެ.


އެމީހުން ބުނީ މުލިއާގެ ކައިރީގައި ތިބީ ވަކި ޖަމާއަތަކަށް، ވަކި ޕާޓީއަކަށް ނިސްބަތްވާ ބައެއް ނޫން ކަމަށާއި އެމީހުންނަކީ ދިވެހި ދަރިވަރުންތަކެއްގެ ދިވެހި ބެލެނިވެރިން ކަމަށެވެ. އޭގެ ތެރޭގައި އަމީނިއްޔާ މަޖީދިއްޔާ ސްކޫލްގެ ބެލެނިވެރިންވެސް ތިބި ކަމަށެވެ.


އެއްވި މީހުންގެ ތެރެއިން ބައެއް މީހުން މިއަދު ބުނީ ފުލުހުން އެމީހުން ފަހަތަށް ޖައްސައި ފޮނުވާލަންދެން ނޫނީ ރައީސް އެމީހުންނާ ބައްދަލު ކުރައްވަންދެން ތިބޭނެ ކަމަށެވެ.


"އަޅުގަނޑުމެނަށް މައުލޫމާތު ލިބިފައި އޮތީ 5:30 ގައި ރައީސް  ކޮންމެވެސް ތަނެއްގައި ހުންނަވާފައި މުލިއާގެއަށް ވަޑައިގަންނަވާނެ ކަމަށް. އެގަޑިއަށް މަޑުކޮށްގެން މިތިބީ."


މުލިއާގެ ކައިރިއަށް ދިޔަ މީހުން އެ ސަރަހައްދު ދޫކޮށް ދިޔައީ ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އިބްރާހިމް ރަޝީދު (ހޯރައިއްބެ) މުލިއާގެއިން ނުކުމެ ވަޑައިގެން އެއްވި މީހުން ޝުއޫރު ރައީސަށް ދަންނަވައިދޭނެ ކަމަށާއި ރައީސާ ބައްދަލު ކުރުމުގެ ފުރުސަތު ބެލެނިވެރިންނަށް ހޯދައި ދެއްވާނެ ކަމަށް ވިދާޅުވުމުންނެވެ.