11 Feb 2013, 09:04
މާލެ އަކީ ތޮއްޖެހިފައިވާ ތަނެކެވެ. ނަމަވެސް ބޭނުންވާ ހިދުމަތްތައް ލިބޭނީ މާލެއިން ކަމުން މިތަނަށް ނައިސް ވާކަށް ވެސް ނޯވެ އެވެ. ވިލިމާލެ އާއި ހުޅުމާލެއަކީ މާލޭގެ އަވަށެއްގެ ގޮތުގައި ހަމަޖައްސާފައިވާ އަވަށްތަކެވެ. ވިލިމާލެ ތަރައްގީ ކުރުމުގައި ވެސް ސަރުކާރުގެ އެންމެ ބޮޑު އަމާޒަކަށްވީ މާލޭގެ ތޮއްޖެހުން ހައްލުކުރުމެވެ. ހަމަ އެހެންމެ އެތައް މިލިއަން ޑޮލަރެއް ހަރަދުކޮށް އެތައް އަހަރަކަށް ބަހާލައިގެން ތަރައްގީކުރަމުންދާ ހުޅުމާލޭގެ ތަރައްގީގެ މަޝްރޫގެ އެންމެ ބޮޑު އަމާޒަކީ ނުވަތަ ހާސިލްކުރުމަށް ބޭނުންވާ ލަނޑުދަނޑިއަކީ މާލޭގެ އާބާދީ ވަކި މިންވަރަކަށް ކޮންޓުރޯލްކޮށް ހުޅުމާލެއަކީ މީހުން ހިތް ފަސޭހަކޮށް ޒަމާނީ ފެންވަރެއްގައި ދިރިއުޅޭ ރަށަކަށް ހެދުމެވެ. އަދި އެ ރަށަކީ ދިރިއުޅުމަށް ބޭނުންވާ ގިނަގުނަ ހިދުމަތްތަކާއި ވަޒީފާތައް ލިބޭ ރަށަކަށް ހެދުމެވެ. ނަމަވެސް ޕުލޭނާއި ހާސިލްކުރަމުން ބޭނުންވި ލަނޑު ދަނޑި ހާސިލް ކުރެވޭބާ އެވެ؟
ރަނގަޅު ހިދުމަތްތަކާ އެކު އުފާވެރި ދިރިއުޅުމެއް ބިނާކުރުމަށްޓަކައި ގިނަ އަދަދެއްގެ ބަޔަކު މިހާރު ވެސް ދަނީ ހުޅުމާލޭގައި ދިރިއުޅެމުންނެވެ. ހުޅުމާލޭގައި މިހާރު ދިރިއުޅޭ އެންމެންގެ ވެސް އެންމެ ބޮޑު ޝަކުވާއަކަށް ވެފައިވާ މައްސަލައަކީ އެ ރަށަކީ ހަމައެކަނި އެމީހުނަށް ބޯހިޔާވަހިކަން ފޯރުކޮށްލުމަށް އިމާރާތެއް ލިބިފައިވާ ނަމަވެސް ގިނަ ހިދުމަތްތަކެއް އެންމެ އެކަށީގެންވާ ގޮތެއްގައި ލިބެން ނެތް ރަށަކަށް ވުމެވެ. އެގޮތުން ސިއްހީ ގިނަ ހިދުމަތްތަށް ހޯދުމަށް މާލެ އަންނަން ޖެހޭ އިރު ހެޔޮއަގުގައި އެއްޗެތި ގަތުމަށް ނުވަތަ ރަނގަޅު ތައުލީމެއް ހޯދުމަށް ވެސް އަދި ވަޒީފާއެއް ހޯދުމަށް ވެސް ހަމަ އަނަންޖެހެނީ މާލެ އަށް ކަމަށް ވުމެވެ.
"ސިއްހީ ދާއިރާ ވެސް ވަރަށް ދޯދިޔާ އަޅުގަނޑުމެންގެ ދަރިޔަކު ބަލިވިޔަސް މިޖެހެނީ ހަމަ މަޑުކުރަން ހަފްތާއެއްގެ ވަކި ދުވަހަކު އެޑޮކްޓަރަކު [ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު] އަންނަންދެން. ދެން އަންހެނަކު ވިހަން ދިޔަޔަސް އެހާލެއްގައި. ހަގީގަތުގައި އަޅުގަނޑުމެން މިރަށަށް ބަދަލުވި މަގުސަދު ހާސިލެއްނުވޭ. ކިރިޔާ ކަމެއްވިޔަސް ހަމަޖެހެނީ ފުރައިގެން މާލެދާން. ދެން ދަތުރުފަތުރު ކުރަންއެހާ އުނދަގޫ،" އާއިލާ ގޮވައިގެން ހުޅުމާލޭގައި ދިރިއުޅެމުންދާތާ ގިނަ އަހަރުތަކެއް ވެފައިވާ އުތުރުގެ ރަށަކަށް ނިސްބަތްވާ މުހައްމަދު އިބްރާހިމް ބުންޏެވެ.
ހުޅުމާލެ ހޮސްޕިޓަލާ ގުޅެގޮތުން އާންމުން ގިނަ ޝަކުވާތަކެއް ކުރަމުންދާ އިރު އެ ހޮސްޕިޓަލެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މިވަގުތު އެހޮސްޕިޓަލުގައި އާންމު ބަލިތަކުގެ ޑޮކްޓަރަކާއި އެތެރެހަށީގެ ޑޮކްޓަރެއްގެ އިތުރުން އަންހެނުންގެ ހާއްސަ ޑޮކްޓަރެއްގެ އިތުރުން ކުޑަކުދިންގެ ހާއްސަ ޑޮކްޓްރަކު ހަފްތާއަކު ދެ ދުވަހު ބަލިމީހުން ބަލާއިރު ލޮލުގެ ހާއްސަ ޑޮކްޓަރެއް ހަފްތާގެ އެއް ދުވަހު ބައްލަވަ އެވެ. އަދި ބައެއް ޓެސްޓްތަށް ހެދޭ އިރު އަނެއްބައި ޓެސްޓްތައް ނުހެދޭކަމަށް ވެސް ވިދާޅުވި އެވެ.
"މިކޮޅުން ގިނަ ޓެސްޓްތައް ހެދޭ، އެކަމް ބައެއް ޓެސްޓްތައް ހުރޭ ނެހެދޭވެސް، އޭގެ ތެރޭގައި ލިޕިޑް ޕުރޮފައިލް ޓެސްޓާ ތައިރޮޑް ފަދަ ޓެސްޓްތަށް ނެހެދޭ،" ހުޅުމާލޭ ހޮސްޕިޓަލްގެ އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ ހުޅުމާލޭ ހޮސްޕިޓަލުން ވިހެއުމުގެ ފުރުސަތު ލިބެނީ ވެސް ވަކި ހާލަތްތަކެއްގައި އެވެ. އެގޮތުން ސިޒޭރިއަން އެ ހޮސްޕިޓަލުން ނެހެދޭ އިރު ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެއް ނުހުންނާތިއްޔާ އެކު ގިނަ ފަހަރު ވިހަންދާ މީހުން އައިޖީއެމްއެޗްއަށް ފޮނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސިއްހީ ދާއިރާއާއި މެދު އާންމުންގެ ގިނަ ޝަކުވާތަކެއް އުފެދިފައިވާ އިރު ތައުލީމީ ދާއިރާއާއި މެދުވެސް އާންމުންގެ ޝަކުވާ އެހާމެ ބޮޑެވެ. ހުޅުމާލޭގައި ސަރުކާރުން ހިންގާ ޕްރީ ސުކޫލެއް ނުހުންނަ އިރު ސެކަންޑުރީއަށް ކިޔަވައިދޭ ސްކޫލާއި ދޭތެރޭ ވެސް ޝަކުވާތަކެއް އެބަހުއްޓެވެ. އެހެންކަމުން 20 މިނެޓުގެ ދަތުރެއްކޮށްގެން މާލެ އަންނަންޖެހޭއިރު ސުކޫލު ކުދިންގެ ތެރެއިން ވެސް ގިނަ ކުދިންތަކެއް ތައުލީމް ހާސިލް ކުރުމަށް ކަނޑު ހުރަސްކޮށް މާލެ އާދެ އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އޮފިޝަލަކު ވިދާޅުވިގޮތުގައި މިއަހަރު ތެރޭގައި ހުޅުމާލޭގައި އިތުރު ސުކޫލެއް އެޅުމުގެ މަސައްކަތް ފަށާނެ އެވެ. އަދި މިއަހަރު ނިމެންވާއިރަށް އެސުކޫލުގެ މަސައްކަތް ނިންމާލެވޭނެ ކަމަށާއި ކުރެހެންތަކުގެ މަސައްކަތް ނިމިފައިވާ ކަމަށް ވެސް އެއޮފިޝަލް ވިދާޅުވި އެވެ. އަދި ވިދާޅުވީ ހުޅުމާލޭގައި ގިނަ މަޝްރޫއޫތަކެއް ނުފެށިގެން އުޅޭ އެންމެ ބޮޑު މައްސަލައަކީ ގިނަ މަޝްރޫއުތަކެއް ފެށޭވަރަށް ހުޅުމާލޭގައި އަދިވެސް އާބާދީއެއް ނެތުމުން ކަމަށެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިޒު ވިދާޅުވި ހުޅުމާލެއަކީ މީހުން ދިރިއުޅޭ ރަށަކަށް ހަދަން ޖެހޭ ކަމަށާއި އެގޮތުން އެ ރަށުގައި ރަނގަޅު ސިއްހީ ހިދުމަތާއި ކޮމާޝައަލް ހިދުމަތްތަކުގެ އިތުރުން ސުކޫލްތައް ހަދަން ޖެހޭ ކަމަށެވެ. އަދި އެކަންތައްތައް މަޑުމަޑުން ކުރައްވަމުން އަންނަ ކަމަށާއި މަޝްރޫއުތައް ލަސްވަނީ ވިޔަފާރި ބޭނުންތަކަށް ބިން ނަގާފައި ހުރި ފަރާތްތަކުން ވެސް ވަކިވަރެއްގެ އާބާދީއެއް އެ ރަށަށް ނާންނަނީސް އެ މަސައްކަތް ކުރަން ބޭނުން ނުވުން ކަމަށެވެ.
"ފޭސް ވަން އަށް ބަލާ އިރު ޗައިނީސްގެ 1000 ފްލެޓް ހަވާލުވެގެން ދިޔައީމާ ދާނެ ފުދޭވަރެއްގެ ގިނަ މީހުން. އަނެއްކާ ގިނަ މަޝްރޫއޫތައް ވެސް ހުންނާނެ. މީހުން ދާވަރަކުން ކޮމާޝައަލް ޑިވެލޮޕްމެންޓް ވެސް އަންނާނީ. ހެލްތު މިނިސްޓްރީ އިން ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ބޭރުގެ އެހީ ހޯދައިގެން ކުރިއަށް ގެންދެވޭތޯ އެބައުޅޭ،" މިނިސްޓަރު މުއިޒް ވިދާޅުވި އެވެ.
ހުޅުމާލޭގެ އާބާދީ އިތުރުކުރަން ޖެހޭ ކަމަށް އެޗްޑީސީ އިން ވެސް އަދި ސަރުކާރުން ވެސް ބުނާއިރު ހުޅުމާލެ ހިއްކުމުގެ ފުރަތަމަ ފިޔަވަހީގައި 60000 މީހުންގެ އާބާދީއަކަށް އަމާޒުކޮށް 188 ހެކްޓަރުގެ ބިން ހިއްކާފައިވާ އިރު އޭގެ ތެރެއިން 20000 ގިނަ މީހުން މިހާރު ހުޅުމާލޭގައި ދިރިއުޅެމުންދާ ކަމަށް އެޗްޑީސީގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. އަދި ހުޅުމާލޭ ބިން ހިއްކުމުގެ ދެ ވަނަ ފިޔަވަހީގެ ދަށުން ހިއްކުމަށް ނިންމާފައި ވަނީ ފަރުކޮޅުފުއްޓާ ދިމާލުން 230 ހެކްޓަރުގެ އެވެ. އެއީ 100000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ހިއްކާ ސަރަހައްދެކެވެ. އެ މަސައްކަތް ފެށުމަށް ނިންމާފައި ވަނީ މޭމަހުގެ ތެރޭގަ އެވެ.
ހުޅުމާލޭގެ އިތުރަށް ތަރައްގީ ކުރެވޭނީ އެރަށުގެ އާބާދީ އިތުރުކޮށްގެން ކަމަށް ބުނަމުންދާއިރު އެރަށުގެ އާބާދީ އިތުރުކުރުމަށް އެރަށަކީ އާންމުނަށް އެކަށީގެންވާ ގޮތަކަށް ބޭނުންވާ ހިދުމަތްތައް މިހާރަށް ވުރެ ރަނގަޅަށް ލިބޭ ރަށަކަށް ހަދަންޖެހެ އެވެ. "މަސް ދާނީ ފެން އޮންނަ ތަނަކަށޭ،" ބުނާ ފަދައިން އެތަނަކަށް އާބާދީ އިތުރުކުރަން ބޭނުންނަމަ އެތަނަކުން ގިނަ ހިދުމަތްތަކެއް ލިބިދޭތަނަކަށް ހަދަން ޖެހެ އެވެ.
ދެން އޮތީ ވެސް ހުޅުމާލޭގެ ދިރިއުޅޭ ރައްޔިތުން ދިމާވާ ބޮޑު ދައްޗެއްގެ ވާހަކައެކެވެ. ސިއްހީ ހިދުމަތްތަށް ހޯދުމަށާއި ތައުލީމް ހޯދުމަށް އަދި ހަމައެހެންމެ ވަޒީފާއަށް ދާ ގިނަ ފަރާތްތަކުން މާލެއައުމަށް 20 މިނެޓްގެ ދަތުރެއް ކުރަންޖެހޭއިރު ފެރީގެ ހިދުމަތް ހޯދުމަކީ ވެސް ބައެއް ފަހަރު ވަރަށް ބޮޑު ދައްޗަކަށްވެއެވެ. އެގޮތުން ބައެއް ވަގުތުތަކުގައި ފެރީ ފުލްވެގެން ގިނަ ވަގުތުތަކެއް ހުންނަންޖެހުމާއި ފިތި ބާރުވެގެން ފެރީއަށް އަރަންޖެހުމާއި އެމަޖެންސީ ހާލަތްތަކުގައި ވެސް ބޭނުން ކޮންމެ ވަގުތެއްގައި މާލެ ނާދެވުމުގެ ދައްޗަކީ ވަރަށް ބޮޑަށް ދިމާވެފައިވާ މައްސަލައެކެވެ.
ހުޅުމާލެއާއި މާލެ އާއި ދެމެދު ފެރީގެ ހިދުމަތްދެމުންދާ ސަރުކާރާއި ރައްޔިތުން ކުންފުނި އެމްޓީސީސީގެ ޓްރާންސްޕޯޓް އެކްޒެކެޓިވް އިސްމާއިލް ފާރިގް ވިދާޅުވި ގޮތުގައި ހުޅުމާލޭގެ އާބާދީ އިތުރުވާ ނަމަ އެމްޓީސީސީ އިން އެކަމަށް ތައްޔާރަށް އޮތް ކަމަށެވެ. އަދި ބައި ގިނަވާ ވަރަކަށް ވިސްނުމުގައި އޮތީ ފެރީގެ އަދަދު އިތުރުކޮށްގެން ފެރީގެ ހިދުމަތް ދިނުން ކަމަށާއި ޒަމާނީ ފެރީގެ ހިދުމަތް ދިނުމަށް މިހާރު ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން މި އަހަރުގެ ޖުލައި ތެރޭގައި ފެރީގެ ހިދުމަތް ފެށޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހުޅުމާލޭގައި މިހާރު ދިރިއުޅެމުންދާ ފަރާތްތަކުގެ ގިނަ ޝަކުވާތަކެއް ހުޅުމާލެއިން ލިބިގެންދާ ހިދުމަތްތަކާމެދު ބޮޑުވެފައިވާ އިރު އެ ރަށަކީ ކުރިއާލާ ރޭވިގެންވާ ޕްލޭނަށް ތަރައްގީކުރާ ރަށަކަށް ހަދަން ބޭނުން ނަމަ މިހާރުން ފެށިގެން ވެސް ގިނަ ފިޔަވަޅުތަކެއް އަޅަން އެބަޖެހެ އެވެ. އެތަށް މިލިއަން ޑޮލަރެއް އިންވެސްޓްކޮށްގެން ހަދާފައިވާ ހުޅުމާލޭގެ ރީތި ޒަމާނީ މަގުތަކާއި ރީތި އިމާރާތްތަކުގެ ރައްކާތެރިކަމަށްޓަކައި ވެސް ގިނަގުނަ މަސައްކަތްތަކެއް ކުރަންއެބަޖެހެ އެވެ. ރީތި ޒަމާނީ ގޮތަކަށް ތަރައްގީކޮށްފައިވާ ހުޅުމާލޭގެ އެކި ހިސާބްތަކަށާއި މަގުމައްޗަށް ޖަމާވެފައިވާ ކުނިތައް ސާފުކޮށް އެ ރަށަކީ ތަރައްގީކުރުމަށް ކޮށްފައިވާ އިންވެސްޓައި އެއްވަރުގެ ނަތީޖާއެއް ނެރެވޭ ރަށަކަށް ހަދަން އެބަޖެހެއެވެ.
ހުޅުމާލޭ ތަރައްގީކުރުމުގެ މަސައްކަތް 1997 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 16 ދުވަހުން ފަށައިގެން އެތައް ޕްލޭންތަކަކާއި އެތަށް ބިލިއަން ރުފިޔާއެއް ހަރަދުކޮށްފައިވާއިރު އެރަށުގެ ޕުލޭންތަކާއި އެރަށަށް ކޮށްފައިވާ އިންވެސްޓްމަންޓްތައް ފެނަށް ވެގެން ނުދިއުމަކީ މިހާރުން ފެށިގެން ވެސް އެރަށަކީ އާންމުނަށް ފަސޭހައިން ދިރިއުޅޭ ރަށަކަށް ހަދަން މަސައްކަތް ކުރަންޖެހެ އެވެ. އެގޮތުން ސިއްހީ ހިދުމަތަކީ ވެސް އެކަށިގެންވާ ގޮތަކަށް ލިބޭ ހިދުމަތަކަށްވެ ތައުލީމުގެ ވެސް އެންމެ މަތީ ފެންވަރުގަ ނުދެވުނަސް ރަނގަޅު ފެންވަރެއްގައި ލިބޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭއިރު އަދި ހުޅުމާލެއަކީ ވަޒީފާތަށް ލިބި ފަސޭހައިން ދަތުރުކުރެވޭ ނިޒާމެއް ހަމަޖެހިފައި އޮންނަ ރަށަކަށް ހެދުމަށް އަމާޒް ކަނޑައަޅަން ޖެހެ އެވެ. އެހެން ނޫންނަމަ ހުޅުމާލެ ވެގެންދާނީ މިހާރުއޮތް ފަދަ އިން ގިނަ ބަޔަކު ހަމައެކަނި ރޭގަނޑު ނިދާލަން ނުވަތަ އަނބިދަރިން ބޯހިޔާވަހިކޮށްލަން ބޭނުންކުރާ އިމާރާތެއް އެކަނި ހުރިރަށަކަށެވެ.