11 Feb 2013, 01:47
އަމީނިއްޔާ ސްކޫލުގެ ވީ ބްލޮކް އިމާރާތަކީ ކިޔަވައިދިނުމަށް ބޭނުން ކުރާން އެކަށީގެން ނުވާ ތަނަކަށް ވާތީ ވީ ބްލޮކްގެ އެއްވެސް ކުލާހެއްގައި ކިޔަވައިނުދޭން ނިންމައިފިއެވެ.
މިދިޔަ ބުދަ ދުވަހު އަމީނިއްޔާ ސްކޫލުގެ ކުލާސް ކޮޓަރިއެއްގެ ޝީޓު ފިލާގެ ބައެއް ވެއްޓިފައިވާ އިރު، އެ ކުލާހަކީ ވީ ބްލޮކުގެ އިމާރާތުގައި ހިމެނޭ ކުލާހެއް ނޫނެވެ. މިދިޔަ ބުދަ ދުވަހު ޝީޓު ފިލާއިން ބައެއް ވެއްޓިފައި ވަނީ އެ ސްކޫލުގެ ޑަބްލިއު ބްލޮކުންނެވެ.
ސަންއަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢިމާދު ޞާލިޙް ވިދާޅުވި ގޮތުގައި އެމްއެންޑީއެފްގެ ކޯ އޮފް އިންޖިނިއާސްގެ ބޭފުޅުންނާއި ހައުސިން މިނިސްޓްރީގެ ބޭފުޅުންނާއި އެޑިއުކޭޝަން މިނިސްޓްރީގެ ބޭފުޅުންނާއި އަމީނިއްޔާ ސްކޫލުގެ އިސް ބޭފުޅުން އަދި އެ ސްކޫލުގެ ބޯޑުގެ ބޭފުޅުންގެ ބައްދަލުވުމަށް ފަހު ނިންމައިފައި ވަނީ ވީ ބްލޮކުގެ އިމާރާތުގެ ހާލަތު ހުރި ގޮތުން ވީ ބްލޮކުގެ އިމާރާތް އެއްވެސް ގޮތަކަށް ބޭނުން ނުކުރުމަށާއި، އެ އިމާރާތް ތަޅާލައި އަލުން އިމާރާތެއް ކުރުމަށެވެ. އަދި ޑަބްލިޔު ބްލޮކުގެ ކުލާސްތައް ބައެއް މަރާމާތާ އެކު ބޭނުން ކުރުމުގައި މައްސަލައެއް ނެތް ކަމަށް އެމްއެންޑީއެފްގެ އިންޖިނިއަރުން ލަފާ ދެއްވި ކަމަށެވެ.
އެމްއެންޑީއެފުން މައުލޫމާތުދެއްވީ އަމީނިއްޔާ ސްކޫލުގެ 6 ކުލާހެއް ހުރީ މަރާމާތު ނުކޮށް ބޭނުން ކުރުން އެންމެ އެކަށީގެންވާ ހާލަތުގައި ނޫން ކަމަށް އެމްއެންޑީއެފްގެ ކޯ އޮފް އިންޖިނިއާސްގެ އިންޖިނިއަރުން ލަފާ ދީފައިވާނެ ކަމަށެވެ.
ޢިމާދު އިތުރަށް ވިދާޅުވީ މިކަމާ ގުޅިގެން މި ހަފްތާގައި އެ ސްކޫލުގައި ގްރޭޑް 10 ގެ ކުލާސްތައް ފިޔަވައި އެހެން ކްލާސްތަކުގެ ކިޔެވުން ނުބޭއްވި ނަމަވެސް އަންނަ ހަފްތާއިން ފެށިގެން އެހެން ގްރޭޑުތަކުގެ ކުލާސްތަކުގެ ކިޔެވުން ވެސް ކުރިޔަށް ގެންދާން ހަމަޖައްސައިފައިވާ ކަމަށެވެ.