މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ (އެމްޕީއޭ) އަށް ދެ ކްރޭން ގަތުމުގައި ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދީފައިވާ ކަމަށް ބެލެވޭތީ އެ ކުންފުނީގެ ކުރީގެ ޑިރެކްޓަރު މއ. ފަހިވިލާ ހުސައިން ހިލްމީ އާއި ކުރީގެ އެސިސްޓެންޓް މެނޭޖިން ޑިރެކްޓަރު ގ. އާސަނި އަބްދުއްޝަކޫރު އަހްމަދުގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އެންޓިކޮރަޕްޝަން ކޮމިޝަނުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނަނީ ކްރޭން ގަތުމަށް އެމްޕީއޭ އިން ސްރީލަންކާގެ ކުންފުންޏަކާ އެކު ވެފައިވާ އެއްބަސްވުމުގައި ވާގޮތުން 704،880 ޑޮލަރަށް (10.86 މިލިއަން ރުފިޔާ) 180 ދުވަހުގެ ތެރޭގައި ދެ ކްރޭން އެމްޕީއޭ އާ ހަވާލު ކުރާންވާނެ ކަމަށް ބުނެފައިވާ އިރު އެ ދެ ކްރޭން އެމްޕީއޭ އާ ހަވާލުކޮށްފައި ވަނީ އެއްބަސްވެފައިވާ ތާރީޚަށް ވުރެ 23 ދުވަސް ފަހުން ކަމަށެވެ.

އެ ބަޔާނުގައި ބުނަނީ އެއްބަސްވުމުގައި ވާގޮތުން 54،628.20 ޑޮލަރު އެއްބަސްވުމުގެ އަގުން އުނިކުރަން ޖެހޭކަން ފާހަގަކުރެވިފައިވާ އިރު އެގޮތުގެމަތިން ލިކުއިޑޭޓަޑު ޑެމޭޖަސް ނަގާފައި ނުވާ ކަމަށެވެ.

ކޮންޓްރެކްޓްގެ ޖުމްލަ އަގު ކަމުގައިވާ 704،880 އެމެރިކާ ޑޮލަރު އެމްޕީއޭ އިން ދައްކާފައި ވަނީ އެއްބަސްވުމުގައި ބުނެފައިވާ މުއްދަތަށް ވުރެ އިތުރަށް ހިނގި 23 ދުވަހަށް ލިކުއިޑޭޓް ޑެމޭޖަސްގެ ގޮތުގައި ކަނޑަން ޖެހޭ 54،628.20 އެމެރިކާ ޑޮލަރު ނުކަނޑާ ކަމަށްވާތީ، އެކަމަކީ ވަކިފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ހިންގާފައިވާ ކޮރަޕްޝަންގެ އަމަލެއް ކަމަށް ފާހަގަކުރެވޭ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"އެކަމަކީ ވަކިފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ހިންގާފައިވާ ކޮރަޕްޝަންގެ އަމަލެއް ކަމަށް ފާހަގަކުރެވޭތީ އެމްޕީއޭގެ ކުރީގެ ފައިނޭންސް ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެހުރު ޑިރެކްޓަރު މއ. ފަހިވިލާ ހުސައިން ހިލްމީ އާއި އެދުވަސްވަރު އެމްޕީއޭގެ އެސިސްޓެންޓް މެނޭޖިން ޑިރެކްޓަރު ގ. އާސާނި އަބްދުއް ޝަކޫރު އަހްމަދުގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމާ ބެހޭ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ)ގެ ދަށުން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދައުވާ އާއި އަދި 13 ވަނަ މާއްދާގެ (ހ)ގެ ދަށުން ދައުލަތަށް ފައިދާ ލިބެން އޮތްކަމެއްގައި އެނޫން ގޮތަކަށް އަމަލު ކުރި ކުށުގެ ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފަ އެވެ،" އޭސީސީގެ ބަޔާނުގައިވެ އެވެ.