ރާއްޖޭގެ މިއަދުގެ ސަރުކާރަށް ބޭރުގެ ނުފޫޒުތައް ވަރަށް ކުޑަ ކަމަށާއި ރާއްޖެ އަށް ކުރަމުން އައި ބޭރުގެ އަސަރުތައް ވާނީ ކުޑަކުރެވިފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ވެރިންގެ ބައްދަލުވުމުގައި ބައިވެރި ވަޑައިގެންނެވުމަށް ޓަކައި މިސްރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ރާއްޖެ އަށް މީގެ ކުރިން ކުރަމުން އައި ބޭރުގެ އަސަރުތައް މިސަރުކާރުގެ ފަރާތުން ވަނީ ވަރަށް ކުޑަކޮށްފައިވާ ކަމަށެވެ.

"ރާއްޖޭގެ މިއަދުގެ ސަރުކާރަށް ބޭރުގެ ނުފޫޒުތައް ވަރަށް ކުޑަ، އަޅުގަނޑުމެންގެ މިދުނިޔެއަކީ މީ ހުރިހާ ގައުމުތައް ވެސް ގުޅިގެން މަސައްކަތް ކުރާ ދުވަސްވަރެއް. އެއްވެސް ގައުމަކީ އެއީ އެހެން ގައުމުތަކާ މުޅިން ވަކިން، ވަކިވެފައި އޮންނަ، އެކަހެރިވެފައި އޮންނަ ގައުމެއް ނޫން. އެހެން ވީމާ އެހެން ގައުމުތަކާ ގުޅިގެން މަސައްކަތް ކުރާނީ އެހެން ނަމަވެސް ތިޔަބޭފުޅުން ވިސްނާ ވަޑައިގެންފިއްޔާ ވަރަށް ރަނގަޅަށް އެނގި ވަޑައިގަންނަވާނެ. ރާއްޖެ އަށް މީގެ ކުރަމުން އައި ބޭރުގެ އަސަރުތައް މިސަރުކާރުގެ ފަރާތުން ވާނީ ކުޑަކުރެވިފައި،" ރައިސް ވަހީދު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ސިޔާސަތު ހާމަކޮށްދީ އަމިއްލަ ސިޔާދަތު ދަމަހައްޓަން ކުރަން ޖެހޭ މަސައްކަތް ސަރުކާރުން ވާނީ ކޮށްފަ އެވެ.

މިމޭރުމުން ރައީސް ވާހަފުޅު ދެއްކެވީ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރުން އަބުދުﷲ ޔާމީނު ކުރެއްވި ތުހުމަތާ ގުޅިގެން ސަން އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޔާމީނު ވިދާޅުވެފައި ވަނީ އޭނާ ހިތްހަމަޖެހިވަޑައިނުގަންނަވާ ވަރަށް ބޭރުގެ ގައުމުތަކުން ރާއްޖޭގެ ދާހިލީ ކަންކަމާ ބެހޭ ކަމަށާއި އެހެން އެކަން ވަނީ ސަރުކާރުން އެ ފުރުސަތު ދެއްވާތީ ކަމަށެވެ.

ޔާމީނުގެ ތުހުމަތާ ބެހޭ ގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވަހީދު ވިދާޅުވީ މިވަގުތަކީ އެއްބަޔަކު އަނެއް ބަޔަކަށް ފާޑުކިޔަންވީ ވަގުތެއް ނޫން ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިދަނޑީވަޅަކީ މީ އެއްބަޔަކު އަނެއް ބަޔަކަށް ފާޑުކިޔަންވީ ވަގުތެއް ނޫން،" ރައީސް ވަހީދު ވިދާޅުވި އެވެ.