10 Feb 2013, 17:55
ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ބެޗެލާ އޮފް ސައެންސް އިން ސެކިއުރިޓީ އެންޑް ލޯ އެންފޯސްމެންޓް ސްޓަޑީޒްގައި ބައިވެރިވުމަށް އެދި ފޯމް ހުށަހެޅުމުގެ މުއްދަތު އިތުރު ކޮށްފި އެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްގެ އިންސްޓިޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމެންޓް ސްޓަޑީޒްއާއި އޮސްޓްރޭލިޔާގެ ވެސްޓަން ސިޑްނީ ޔުނިވާސިޓީ ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް މި ދާއިރާއިން ހިންގާ ޑިގްރީ ކޯހަށް އެޕްލައި ކުރުމުގެ މުއްދަތު މިހާރު ވަނީ މިމަހުގެ 17 ވަނަ ދުވަހުގެ ހަވީރު 4:00 އަށް އިތުރު ކޮށްފަ އެވެ.
ސަންއަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިޔާ އޮފިޝަލް ހަސަން ހަނީފު ވިދާޅުވީ ކޯހުގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރު ކުރެއްވީ ގިނަ ފަރާތްތަކަކުން ކޯހުގައި ބައިވެރި ވުމުގެ ޝައުގުވެރިކަން ފާޅުކުރަމުން ދާތީ ގިނަ ފަރާތް ތަކަކަށް ކިޔެވުމުގެ ފުރުސަތު ތަނަވަސް ކޮށްދެއްވުމުގެ ގޮތުން ކަމުގަ އެވެ.
"އިމިގްރޭޝަން، ކަސްޓަމްސް، އޭވިއޭޝަން އަދި އެމްއެންޑީއެފް ފަދަ ސެކިއުރިޓީގެ ދާއިރާގައި މަސައްކަތްކުރަށްވާ ވަރަށް ގިނަފަރާތްތަކަކުން ދަނީ ފުރުސަތަށް އެދެމުން. އެހެންވެ ގިނަ ފަރާތްތަކަކަށް ފުރުސަތު ދިނުމުގެ ގޮތުން އަޅުގަނޑުމެން މުއްދަތު މި އިތުރު ކޮށްލީ" ހަނީފް ވިދާޅުވި އެވެ.
ހަނީފު އިތުރަށް ވިދާޅުވީ ކޯހުގައި ބައިވެރިވުމުގެ މުއްދަތު އިތުރު ކުރިނަމަވެސް ކޯސް ފެށުމަށް ހަމަޖެހިފައިވާ ތާރީހަށް ބަދަލެއް ނާންނަ ކަމަށާއި އެހެން ނަމަވެސް ކުރިން ހުޅުވާލާފައިވާ 50 ޖާގަ އެއަށްވުރެ އިތުރު ކުރުމަށް ނިންމަވާފައިވާ ކަމަށެވެ.
ކޯހުގެ ކިޔެވުން ފެށޭނީ މިމަހުގެ 24 ވަނަ ދުވަހު އެވެ. އަދި ކޯހުގެ ފުރަތަމަ ބުރުގައި ބައިވެރިވާ ދަރިވަރުން ދެޔުނިޓަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޯހުގެ ފީއަކީ 2500 ޑޮލަރު (38،550ރ.) އެވެ. ކޯހާ ބެހޭ އިތުރު މައުލޫމާތު އިސްންޓިޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމެންޓް ސްޓަޑީސްގެ ވެބުސައިޓުންނާއި އަދި އިސްކަންދަރު ކޮށިން ލިބެން ހުންނާނޭ ކަމަށްވެސް ޕޮލިހުން ވަނީ މައުލޫމާތި ދީފަ އެވެ.
ސެކިއުރިޓީ އެންޑް ލޯ އެންފޯސްމެންޓްގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިގްރީ ޕްރޮގްރާމެއް ފެށުމަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ އިސްންޓިޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމެންޓް ސްޓަޑީސް އާއި އޮސްޓްރޭލިޔާގެ ޔުނިވާސިޓީ އޮފް ވެސްޓަން ސިޑްނީ އާ އެކު އެމްޔޫއޯއެއްގައި ސޮއިކޮށްފައި ވަނީ މިމަހުގެ ހަވަނަ ދުވަހު އެވެ.