މެރިޓައިމްސް އެކަޑަމީ އޮފް މޯލްޑިވްސްއަށް ކުޅުދުއްފުށީ އަތޮޅުގެ ދީފައިވަނީ ގާނޫނާއި ގަވާއިދުތަކާއި ހިލާފަށް ކަމަށާއި އެ ތަން ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީއާއި މެރިޓައިމްސް އެކަޑަމީ ވެފައިވާ އެއްބަސްވުން ބާތިލް ކުރުމާ މެދު ވިސްނަމުންދާ ކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފި އެވެ.

މިއަދު މެންދުރު ފަހު ޓްރާންސްޕޯޓް އޮތޯރިޓީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި އެ އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒް ވިދާޅުވީ މެރިޓައިމްސްއާ ބެހޭ ކޯސްތައް ހިންގުމަށް މެރިޓައިމްސް އެކަޑަމީ އޮފް މޯލްޑިވްސް ކުރީ ސަރުކާރުން 25 އަހަރަށް އަތޮޅުގެ ދީފައިވަނީ " މުޅިން ހިލޭ " ކަމަށާއި އަދި ވަކި ބަޔަކަށް ފައިދާ ހޯދަދިނުމަށް ކޮށްފައިވާ ކަމެއް ކަމަށެވެ.

" [އަތޮޅުގެ މެރިޓައިމްސް އެކަޑަމީ އޮފް މޯލްޑިވްސް އަށް ދީފައިވަނީ] މުޅިން ހިލޭ. މިހާ ހިސާބަށްވެސް ސަރުކާރަށް އެއްވެސް ލާރިއެއް ލިބިފައެއް ނުވޭ. މިކަމުގައި އެންމެ ފާހަގަ ކޮށްލެވޭ ކަމަކީ ވަކި ބަޔަކަށް މަންފާ ކުރާނެހެން މީތި ދޫކޮށްފައި އޮތް އޮތުން،"

ނާފިޒް ވިދާޅުވީ މެރިޓައިމް އެކަޑަމީ އާ އެކު ޓްރާންސްޕޯޓް އޮތޯރިޓީން ވެފައިވާ އެއްބަސް ވުމާއި އެއްގޮތަށް މެރިޓައިމްސްއާ ބެހޭ އެއްވެސް ކޯހެއް ހިނގަމުން ނާންނަ ކަމަށާއި އެހެން ކަމުން އަތޮޅުގެ އޮޑިޓް ކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީ ދެ ބޭފުޅަކު މިހާރު ކުޅުދުއްފުއްޓަށް ފޮނުވާފައިވާ ކަމަށެވެ.

" އެއަށް ފަހު އެއްބަސްވުމާއި އެއްގޮތަށް ކޯސްތައް ނުދާކަމަށް ވާނަމަ އެއްބަސްވުން ބާތިލް ކުރުމަށް މި ވަނީ ނިންމާފައި،"

ކުޅުދުއްފުށީ ރަށު ކައުންސިލްގެ ބެލުމުގައި އަތޮޅުގެ މެރިޓައިމްއަށް ދީފައި ވަނީ ރަށު ކައުންސިލުން ވެސް އެ ކަމާއި ދެކޮޅު ހަދަމުން ދަނިކޮށް ކަމަށާއި ނަމަވެސް އެތަން ޓްރާންސްޕޯޓް މިނިސްޓްރީ އެއްވެސް ބަޔަކަށް ކުއްޔަށް ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ނާފިޒް ވިދާޅުވި އެވެ.

" ޓްރާންސްޕޯޓް މިނިސްޓްރީއަކީ ހަގީގަތުގައި އެއްވެސް ގާނޫނީ ހައިސިއްޔަތެއް އެ އަތޮޅު ގޭގެ މައްޗަށް އޮތް އިދާރާއެއްނޫން. ސަބަބަކީ ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުގައި އޮތް ތަނެއް ނޫން އެއީ. އަދި އެހެންމެ ޓްރާންސްޕޯޓް އޮތޯރިޓީން ހަރަދުކޮށްގެން ވެސް ހަދާފައިވާ އިމާރާތެއްވެސް ނޫން އެއީ،" ނާފިޒް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މެރިޓައިމްސްއާ ބެހޭ އެއްވެސް ކޯހެއް ހިނގަމުން ނާންނަ ކަމަށާއި އަދި އެ ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް އެތަނުގެ ބޭނުން ކުރަމުންނުދާތީ އެތަން އޮޑިޓް ކުރުމަށް އެ މިނިސްޓްރީން ދެ ބޭފުޅަކު އެރަށް ދިއުމަށް ހަމަ ޖެހިފައިވާ ކަމަށެވެ.

"ކުޅުދުއްފުށީން ހުޅުވިފައި މިހުރި ތަނުން އެއްވެސް މަންފާއެއް އަދި އެއްވެސް ކަހަލަ ޓްރޭނިންއެއް ދެވެމުންދާ ތަނެއް އަޅުގަނޑުމެނަކަށް ނުފެނޭ. މިހާރު އެތަނުގައި ހިންގަމުންދަނީ އެންމެ ފަހުން އެނގިފައިވާ ގޮތުގައި ބޮޑެތި މީހުނަށް އިނގިރޭސިބަސް ކިޔަވާދޭ ކޯހެއް. ގިނަ ވަގުތު އެތަން ހުންނަނީ ބަންދުކޮށްފަ،"