10 Feb 2013, 17:25
ވެރިކަމުގެ އެއް އަހަރު ދުވަހުގެ ތެރޭގައި ހޯއްދެވުނު އެންމެ ބޮޑު ކާމިޔާބަކީ ސުލްހަ މަސަލަސްކަމާ އެކުގައި ކުރިއަށް ދިއުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
މިސްރުގެ ވެރިރަށް ގާހިރާގައި އޮތް އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަންގެ ވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފަހު ރާއްޖެ ވަޑައިގެން، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ރާއްޖެ އަށް ކުރިމަތިވި ވަރަށް ބޮޑެތި ގޮންޖެހުންތަކާ އެކުގައި ވެސް އަމާންކަމާ އެކު ރާއްޖޭގެ ރައްޔިތުންނަށް ދިރިއުޅުމުގެ ފުރުސަތު ލިބުމަކީ ސަރުކާރަށް ކުރެވުނު އެންމެ މުހިއްމު ކަންތައް ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މި ވޭތުވެ ދިޔަ އެއް އަހަރާ ދޭތެރޭގައި ވިސްނާލާ އިރުގައި، އަޅުގަނޑުމެންނަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ، ދިވެހި ރާއްޖެ، ސުލްހަ މަސަލަސް ކަމާ އެކުގައި ކުރިއަށް ދިއުން، ރާއްޖެ އަށް ކުރިމަތިވި ވަރަށް ބޮޑެތި ގޮންޖެހުންތަކާ އެކުމެ، ރާއްޖޭގައި ހަމަޖެހުން ގާއިމްކުރެވި، ރާއްޖޭގެ ރައްޔިތުންނަށް އަމާންކަމާ އެކު ދިރިއުޅުމުގެ ފުރުސަތު އޮތުން،" ރައީސް ވަހީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެކަން ހާސިލް ކުރުމަށް ޓަކައި ކިތަންމެ މަސައްކަތްތަކެއް ކުރެއްވި ކަމަށާއި، ރައީސް ކަމާ ހަވާލުވެވަޑައިގެންނެވުމާ ގުޅިގެން، ވަރަށް ބޮޑެތި ސުވާލުތައް އުފެދުނު ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންގެ މެދުގައި ވަރަށް ބޮޑު ހިތް ނުތަވަނަސް ކަމެއް އުފެދުނު ކަމަށެވެ. އަދި އެސުވާލުތަކުގެ ޖަވާބުތައް ހޯދުމަށް ކެތްތެރިކަމާ އެކު މަސައްކަތް ކުރައްވައި އެކަން ނިންމެވިން ކަމަށެވެ. އަދި ހިތް ހަމަ ނުޖެހޭ ފަރާތްތަކުން އުފުލި އަޑުތައް ވެސް އެއްސެވިން ކަމަށާއި މިހާރު އޮތް ހަމަޖެހުން ހޯއްދެވުނީ އެހެންވެ ކަމަށެވެ.
"... ވަރަށް ހަލަބޮލި ދުވަސްތަކެއް ވެސް ފެނުމަށް ފަހުގައި ވެސް، އަޅުގަނޑުމެންނާ ދޭތެރޭ ހިތްހަމަ ނުޖެހޭ ފަރާތްތަކުން ދައްކަމުން ދިޔަ ވާހަކަތައް ވެސް އަޅުގަނޑުމެން ކެތްތެރިކަމާ އެކު އަހަމުން ދިޔައީ އަދި އެފަރާތްތަކުން އުފުލަމުން ދިޔަ އަޑުތައް ވެސް އަޅުގަނޑުމެން އަހަމުން ދިޔައީ، އޭގެ ނަތީޖާއެއްގެ ގޮތުން، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިހާރު މިއޮތް ހަމަޖެހުން ހޯދުނީ،" ރައީސް ވަހީދު ވިދާޅުވި އެވެ.
އެއް އަހަރު ދުވަހުގެ ކާމިޔާބީއާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު އަދި ވިދާޅުވީ އިގުތިސާދީ ގޮތުން ވެސް ރާއްޖެ ކުރިއަށް ގޮސްފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމާއި މަސްވެރިކަން ވެސް ކުރިއަށް ވުރެ ރަނގަޅު ވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ވިދާޅުވީ ރާއްޖޭގައި ފަށާފައި ހުރި ތަރައްގީގެ މަޝްރޫއުތައް ވެސް ކުރިއަށް ދިޔަ ކަމަށެވެ.
އެއް އަހަރު ދުވަހުގެ ކާމިޔާބީއާ މެދު ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ދެއްކެވި އެ ވާހަފުޅުތަކުގެ ކުރިން އޯއައިސީގެ ބައްދަލުމާ ބެހޭ ގޮތުން ރައީސް ވާހަކަ ދެއްކެވި އެވެ. އެގޮތުން އެބައްދަލުވުމަށް ހުށައެޅުނު މައްސަލަތައް ވިދާޅުވެ ދެއްވި އެވެ. ވިދާޅުވީ މިހާރު ހަމަނުޖެހުންތައް ހިނގަމުންދާ ގައުމުތައް ކަމަށްވާ ސޫރިޔާއާއި މާލީ ފަދަ ގައުމުތަކަށް ހަމަޖެހުން ގެނައުމަށް އެބައްދަލުވުމުގައި މަޝްވަރާ ކުރި ކަމަށެވެ.
އޯއައިސީގެ ބައްދަލުވުމަށް ރާއްޖޭން އިސްނަގައިގެން އެއްވެސް ކަމެއް ހުށައެޅިތޯ ދެންނެވުމުން ވިދާޅުވީ ރާއްޖޭން އެއްވެސް ކަމެއް ހުށަނާޅާ ކަމަށެވެ.
އޯއައިސީގެ ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވުމަށް ރައީސް ވަހީދު މިސްރަށް ކުރެއްވި ދަތުރުފުޅުގައި ފޮރިން މިނިސްޓަރު ޑރ. އަބުދުﷲ ސަމަދު އަބްދުﷲ ބައިވެރިވަޑައިގެންނެވި އެވެ.