10 Feb 2013, 16:57
ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެއިން ބޭރުގައި އުޅުއްވުމަށް ދެއްވި މުއްދަތު ހަމަވިއިރު ވެސް، އެނބުރި ރާއްޖެ ވަޑައިނުގެންނެވުމުން އެމަނިކުފާނުގެ މައްޗަށް ހުޅުމާލޭ ކޯޓްގައި އުފުލާފައިވާ ދައުވާގެ މިއަދުގެ ޝަރީއަތް ކެންސަލްކޮށްފި އެވެ.
ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) "ނިޒާމުން ގެއްލުވާލި" މައްސަލާގައި އުފުލާފައިވާ ޖިނާއީ ދައުވާގެ ޝަރީއަތަށް ނަޝީދާ ދެކޮޅަށް ދައުލަތުން ހުށަހެޅި ދެ ހެކިވެރިން މިއަދު ކޯޓަށް ހާޒިރުވެވަޑައިގެންނެވި އެވެ. ނަޝީދާ ދެކޮޅަށް ހެކިންގެ ގޮތުގައި ދައުލަތުން ހުށަހަޅާފައި ވަނީ ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހާއި ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އިސްމާއިލް އަތީފެވެ.
މިއަދު ހަވީރު 4:00 ގައި ޖަސްޓިސް ބިލްޑިންގުގައި ޝަރީއަތް ކުރާ އެންމެ ބޮޑު މާލަމުގައި ބާއްވަން އުޅުނު ޝަރީއަތް ކެންސަލް ކުރިއިރު، އެ މައްސަލާގެ ޝަރީއަތް ދެން ބާއްވާނެ ދުވަހެއްކޯޓަކުން ނުބުނެ އެވެ. ކޯޓުގެ ހުއްދައާއެކު ރައީސް ނަޝީދު ރާއްޖެއިން ބޭރަށް ފުރައިވަޑައިގަތުމަށްފަހު، އެމަނިކުފާނު ބޭރުގައި ހުންނެވުމުގެ މުއްދަތު އިތުރު ކުރުމަށް ކޯޓުގައި އެދުނެވެ. ނަމަވެސް ކޯޓަކުން އެ ހުއްދައެއް ނުދެއްވި އެވެ.
ހުޅުމާލޭ ކޯޓުގައި ރައީސް ނަޝީދާ ދެކޮޅަށް އުފުލި ދައުވާގެ ޝަރީއަތް ބައްލަވަނީ ޖޭއެސްސީން ކަނޑައަޅާފައިވާ ތިން މެޖިސްޓްރޭޓެކެވެ. އެއީ ގއ. އަތޮޅު އިސް މެޖިސްޓްރޭޓް ޝުޖާއު އުސްމާނާއި އއ. އަތޮޅުގެ އިސް މެޖިސްޓްރޭޓް އަބްދުއް ނާސިރު އަބްދުއްރަހީމް އަދި އދ. އަތޮޅުގެ އިސް މެޖިސްޓްރޭޓް ހުސައިން މަޒީދެވެ.