10 Feb 2013, 16:44
ފުލުހުންގެ މައްސަލަތައް ބެލުމުގެ ގޮތުން އެކުލަވާލާފައިވާ ޑައިރެކްޓަރޭޓަށް 152 މައްސަލަ މިދިޔަ އަހަރު ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރެއިން 127 މައްސަލަ ބަލައި ނިންމާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ރޭ ޔޫޓިއުބްގައި ފުލުހުން އާންމުކުރި ވީޑިއޯ ރިޕޯޓެއްގައި ބުނެފައި ވަނީ ވޭތުވެ ދިޔަ ތިން އަހަރުގެ ތެރޭގައި ފުލުހުންގެ މުއައްސަސާ ވެއްޓިފައިވާ ވަޅުގަނޑުން ނަގައި ރައްޔިތުން ބަލައިގަންނަ ޚިދުމްތަތަކެއް ކޮށްދޭ މުއައްސަސާ އަކަށް ހެދުމަށް އާ ލީޑަޝިޕުން ގިނަ ގުނަ މަސައްކަތްތަކެއް ފާއިތުވި އަހަރު ކޮށްފައިވާ ކަމަށެވެ. އެގޮތުން ފުލުހުންގެ އިންޓްގްރިޓީ އާއި އެކައުންޓަބިލިޓީ ހަރުދަނާ ކުރުމަށް ޑައިރެކްޓަރޭޓެއް އެކުލަވާލައި މަސައްކަތްތަކެއް ކުރި ކަމަށާއި ބޭރުން ބޭފުޅުންގެ ގެނެސް ދިރާސާއެއްކޮށް އެ މަސައްކަތުގައި ކުރިއަށް ދާންވީ ގޮތް އެކުލަވާލާފައިވާ ކަމަށެވެ.
އަދި ފުލުހުންގެ މައްސަލަތައް ބެލުމަށް އެކުލަވާލި ޑައިރެކްޓަރޭޓަށް ހުށަހެޅި 152 މައްސަލައިގެ ތެރެއިން 127 މައްސަލަ މިދިޔަ އަހަރުގެ ތެރޭގައި ބަލައި ނިމިފައިވާ ކަމަށެވެ. އެރިޕޯޓުގައި އަދި ބުނީ އެ މުއްދަތުގައި ބަލާ ނިންމި މައްސަލަތަކުގައި 44 ހަތަރު ފުލުހަކު ވަޒީފާއިން ވަކިކޮށް ހަތް ފުލުހެއްގެ މަގާމު ދަށްކޮށްފައިވާ ކަމަށެވެ. އަދި ތަފާތު އެކި މައްސަލަތަކާ ގުޅިގެން މުވައްޒަފުންނަށް ނަސޭހަތްދީ ފުލުހުންނަށް ބޭނުންވާ ކައުންސިލިން ދިނުމާއި މުވައްޒަފުން ގާތުން ސުޕަވައިޒް ކުރުމާއި މުވައްޒަފުންގެ ޑިޕާޓްމަންޓް ބަދަލުކުރުން ފަދަ އިދާރީ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.
ފުލުހުންގެ އެ ރިޕޯޓުގައި ބުނެފައި ވަނީ ރައްޔިތުންނާ ގާތުން ޚިދުމްތަދިނުމަށް މިދިޔަ އަހަރު ކުރި އެންމެ ބޮޑު މަސައްކަތަކީ އަތޮޅުތަކުގައި ޕޮލިސް ސްޓޭޝަންތައް ގާއިމު ކުރުން ކަމަށާއި އެގޮތުން މުޅިން އަލަށް ޕޮލިސް ސްޓޭޝަން ގާއިމުކުރި ރަށްރަށަކީ މ. ދިއްގަރާއި އއ. މަތިވެރި އާއި އދ. ދަގެތި އަދި ނ . ހޮޅުދޫ ކަމަށެވެ.
ފުލުހުންގެ ވެލްފެއާ ޚިދުމަތް ރަނގަޅު ކުރުމުގެ ގޮތުން ފުލުހުންގެ އާ ލީޑާޝިޕުން ވަރަށް ބޮޑު އަހައްމިޔަތު ކަމެއް މިދިޔަ އަހަރު ދީފައިވާކަން ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އެގޮތުން އިސްކަންދަރު ކޮށި ދޭއްގައި ފުލުހުން ނިދާނެ އިމާރާތެއް އެޅުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ އިރު މިދިޔަ އަހަރު ވަނީ ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ބޯ ހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ހުޅުމާލޭގައި ހައުސިން ޔުނިޓްތައް ގާއިމް ކުރުމަށް ސަރުކާރާ އެކު މަޝްވަރާކޮށްފަ އެވެ. އަދި ގޯތި ގެދޮރު އިމާރާތް ކުރުމުގައި ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ މަޝްވަރާކޮށް ފުލުހުންނަށް ހާއްސަ ޕެކޭޖްތަކެއް މިދިޔަ އަހަރު ވަނީ ތައާރަފްކޮށްފަ އެވެ.
ފުލުހުން ކުރާ ތަހުގީގުތައް އިތުރަށް ހަރުދަން ކުރުމުގެ ގޮތުން މިދިޔަ އަހަރު ވަނީ ފޮރެންސިކް ލައިބްރަރީ އަކާއި ވިކްޓިމް ސަޕޯޓް ޔުނިޓެއް އުފައްދާ އެ ޔުނިޓްގެ ހިންގުން ހަރުދަނާ ކުރުމަށް ބޭރުގެ ފަންނީ މާހިރެއްގެ އެހީގައި އެ ޔުނިޓްގެ އޮނިގަނޑު އެކުލަވާލާފައިވާ ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.
އަދި އޮރަކަލް އެކްސަޑޭޓާ މެޝިނެއް ބެހެއްޓުމާއި ސައިބާ ކްރައިމް ޑިމާޓްމަންޓެއް އުފައްދާފައިވާ ކަން ވެސް ފުލުހުން ޔޫޓިއުބްގައި އާންމު ކުރި 10 މިނެޓްގެ ވީޑިއޯ ކްލިޕްގައި ބުނެފައިވެ އެވެ.