10 Feb 2013, 16:25
ދިހަ ވަނަ ސައުތު އޭޝިއަން މެންސް ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕް އަންނަ މޭމަހު ޕާކިސްތާންގެ ލާހޫރުގައި ބާއްވަން ސައުތު އޭޝިއަން ބޮޑީ ބިލްޑިން ފެޑެރޭޝަން އިން ނިންމައިފި އެވެ.
ޕާކިސްތާނުގައި މިފަހަރުގެ މުބާރާތް ބާއްވަން ނިންމިއިރު، ކުރިން ހަމަޖެހިފައި އޮތީ އެ މުބާރާތް ރާއްޖޭގައި ބޭއްވުމަށެވެ. އެކަމަކު ރާއްޖޭގައި އެމުބާރާތް ނުބާއްވާ ގޮތަށް ނިންމީ ސައުތު އޭޝިއަން ބޮޑީ ބިލްޑިން ފެޑެރޭޝަނަށް ރާއްޖޭގައި މުބާރާތް ބާއްވާ ކަމަށްވާ ނަމަ 10000 ޑޮލަރު (154،200 ރުފިޔާ) ދައްކަންޖެހޭތީވެ، އެވަރަށް ރާއްޖޭގެ ބޮޑީބިލްޑިން ފެޑަރޭޝަންގައި ފައިސާ ނެތުމުންނެވެ.
ބޮޑީ ބިލްޑިން ފެޑެރޭޝަން އޮފް މޯލްޑިވްސް (ބީބީއެފްއެމް)ގެ ނައިބު ރައީސް އިބްރާހިމް ހަމީދު ވިދާޅުވީ، ޕާކީސްތާންގެ ލާހޫރުގައި އެމުބާރާތް އޮންނާނީ އަންނަ މޭމަހުގެ 1 އިން 3 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އެހެން ކަމުން އެމުބާރާތަށް ތައްޔާރުވާ ރާއްޖޭގެ ބިލްޑަރުންގެ ފަރިތަކުރުންތައް ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ އޮންނަ އެފެޑަރޭޝަންގެ އެސްކޯ ބައްދަލުވުމަށް ފަހު ކަމަށް ހަމީދު ވިދާޅުވި އެވެ.
"މިފަހަރުގެ މުބާރާތުގައި ރާއްޖެއިން ވާދަކުރާނެ ބިލްޑަރުންގެ ކެޓަގަރީތައް ވެސް ނިންމާނީ މިރޭ އޮންނަ އެސްކޯ މީޓިންއަށް ފަހު. އެމީޓިންއަށް ފަހު މުބާރާތުގައި ވާދަކުރާނެ ކެޓަގަރީތައް ފައިނަލް ކުރެވޭނެ" ހަމީދު ވިދާޅުވިއެވެ.
ސައުތު އޭޝިއަން މެންސް ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕް މި އަހަރު ރާއްޖޭގައި ނުބާއްވާ ގޮތަށް ނިންމި ކަމުގައި ވިޔަސް، މީގެ ކުރިން ވަނީ މިމުބާރާތް ރާއްޖޭގައި ބާއްވާފަ އެވެ. އެފަހަރުގެ މުބާރާތް ރާއްޖޭގައި ބޭއްވީ މިއަދު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ މަގާމްގައި ހުންނެވި މުހައްމަދު ވަހީދުއްދީން (ޑީން)ގެ ސައްތައިންސައްތަ އެހީތެރިކަމާ އެކު 2002 ވަނަ އަހަރު އެވެ. އެފަހަރުގެ މުބާރާތް އޮތީ ބަނޑޮސް އައިލެންޑް ރިސޯޓުގަ އެވެ.
ސައުތު އޭޝިއަން މެންސް ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕްގެ އިތުރުން، މި އަހަރު ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް މުބާރާތަކީ 14 ވަނަ ގައުމީ ބޮޑީ ބިލްޑިން މުބާރާތެވެ. އެ މުބާރާތް ބާއްވާނެ ތާރީހެއް މިރޭ އޮންނަ އެ ފެޑަރޭޝަންގެ އެސްކޯ މީޓިންގައި ފައިނަލް ކުރާނެ ކަމަށް ހަމީދު ވިދާޅުވި އެވެ.