10 Feb 2013, 16:10
މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީގެ ދައުވަތަކަށް ތެލަސީމިއާއާ ބެހޭ ބައިނަލް އަޤްވާމީ މައި ޖަމިއްޔާ ކަމަށްވާ ތެލަސީމިއާ އިންޓަނޭޝަނަލް ފެޑެރޭޝަން (ޓިފް) ގެ ހއްސަ ވަފުދެއް ރާއްޖެ ވަޑައިގެންފި އެވެ.
މިއަދު ރާއްޖެ ވަޑައިގަތް ވަފުދުގެ ބޭފުޅުން މިމަހުގެ 13އާ ހަމައަށް ރާއްޖޭގައި ތިއްބަވާނެ އެވެ. ޓިފް އަކީ ތެލަސީމިއާގެ އެކި އެކި ކަންކަމުގައި ރާއްޖެއަށް އެހީތެރިވަމުން ގެންދާ ޖަމްއިއްޔާއެއް ކަމަށް މޯލްޑިވްސް ތެލެސީމިއާ ސޮސައިޓީން ބުނެ އެވެ.
މިއީ ތެލެސީމިޔާގެ ކަމެއްގައި މިފަދަ ވަފްދެއް ރާއްޖެ ވަޑައިގަތް ފުރަތަމަ ފަހަރެވެ.
ޓިފްގެ ބޭފުޅުން ރާއްޖެއަށް މި ކުރައްވާ ދަތުރުގައި ރާއްޖެއާއި ތެލަސީމިއާ އިންޓަނޭޝަނަލް ފެޑެރޭޝަންއާއި އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރާނެ އެވެ. އަދި ރާއްޖޭގެ ތެލަސީމިއާގެ ހާލަތު ދެނެގަނެ، ފަރުވާގެ ޕްރޮގްރާމާއި ޕްރިވެންޝަން ޕްރޮގްރާމްގެ މައުލޫމާތު ހޯދައި އެ ޕްރޮގްރާމްތަކާ ބެހޭގޮތުން ޓިފްގެ ޓެކްނިކަލް އެކްސްޕަޓީސް ހިއްސާ ކުރައްވާނެ އެވެ. ޓިފްގެ ބޭފުޅުންގެ ދަތުރުގައި ތެލަސީމިއާ ކުދިންނާއި ބެލެނިވެރިންނާއި ބައްދަލު ކޮށް، މޯލްޑިވިއަން ތެލަސީމިއާ ސޮސައިޓީ އަށް ޓެކްނިކަލް ސަޕޯޓް ދެއްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ޓިފްގެ ބޭފުޅުން ރާއްޖެއަށް އަލަށް ކުރެއްވި މި ދަތުރުގައި ހެލްތު މިނިސްޓަރު ޑރ. އަހުމަދު ޖަމްޝީދާއި މިނިސްޓްރީ އޮފް ހެލްތު ގެ އިސް ބޭފުޅުންނާއި ބައްދަލު ކުރައްވާނެ ކަމަށް ތެލެސީމިއާ ސޮސައިޓީން ބުނެ އެވެ.
އަދި މޯލްޑިވިއަން ބްލަޑް ސާވިސަސް ތެލަސީމިއާ އެންޑް އަދާ ހިމަގްލޮނޮޕަތީސް (ކުރީގެ ނެޝަނަލް ތެލަސީމިއާ ސެންޓަރު) ގެ މެނޭޖްމަންޓާއި ޓެކްނިކަލް ބޭފުޅުންނާ ބައްދަލު ކުރައްވާނެ އެވެ.