10 Feb 2013, 15:51
ވިލިމާލޭ އުތުރު ހާބަރުގައި އޮތް ސަޕްލައި ދޯންޏަކުން ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާ އެކު ހައްޔަރު ކުރި ފަސް މީހުންގެ ބަންދުގެ މުއްދަތު އިތުރު ކޮށް ދީފި އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިސަރު އައްޝައިހު އަހުމަދު މުހައްމަދު މަނިކު ވިދާޅުވި ގޮތުގައި ބަނގުރަލުގެ މައްސަލައިގައި އިއްޔެ ހައްޔަރުކުރި ފަސް މީހުންނަށް ވެސް ހަތް ދުވަސް ވަނީ ޖަހައިދީފައެވެ. އަދި މުއްދަތު ޖަހަން ގެންގޮސްފައިވަނީ އުމުރުން 19 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެއްގެ އިތުރުން 31 އަހަރުގެ މީހަކާއި 54 އަހަރުގެ މީހެއް ކަމަށް ވެސް ކްރިމިނަލް ކޯޓުން ބުނެ އެވެ.
ފުލުހުން ބުނެފައިވަނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ވިލިމާލެ އުތުރު ހާބަރުގައި އޮތް "ރެބޫ-14" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއް އިއްޔެ ހަވީރު 5:35 ހާއިރު ބަލައި ފާސްކުރި އިރު، އެ ދޯނީގެ ކެބިން ތެރެއިންނާއި ވީލް ހައުސްތެރެއިން 108 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ. އަދި ފެނުނު ފުޅިތަކުގެ ތެރޭ "ސްމާރުނޮފް ބްރޭންޑު"ގެ އެއްލީޓަރުގެ 96 ފުޅިއާއި ޖެމްސަން ބްރޭންޑުގެ 12 ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ އެދޯނިން ފެނުނު ބައެއް ބަނގުރާ ފުޅިތައް އޮރިޖިނަލް ކޭހުގައި ބަންދުކޮށްފައި ހުރި އިރު، ބައެއް ފުޅިތައް ހުރީ ދަބަސްތަކުގައި ރައްކާކޮށްފައި ކަމަށެވެ.