10 Feb 2013, 15:45
މިދިޔަ އަހަރު މާލެއާއި އަތޮޅުތެރޭ ހިންގި އިންސާނިއްޔަތާއި ޚިލާފު ހުރިހާ މަރުތަކުގެ ގާތިލުން ހޯދާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މިދިޔަ އަހަރު ފުލުހުން ކުރި މަސައްކަތްތަކާ ގުޅޭ ގޮތުން ތައްޔާރުކޮށް ރޭ ޔޫޓިއުބްގައި އާންމުކުރި ވީޑިއޯ ރިޕޯޓެއްގައި ބުނެފައި ވަނީ މިދިޔަ އަހަރު ތެރޭ އަނިޔާވެރި ގޮތަކަށް މަރާލި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝިމް އަލީއާއި ލޯޔަރު އަހުމަދު ނަޖީބުގެ މަރާއި ފުލުހުންގެ ޑިއުޓީއަށް ދިޔަ މަގުމަތީ މަރާލި ލާންސް ކޯޕްރަލް އާދަމް ހަލީމްގެ މަރާއި ކުޑަހުވަދޫގައި މަރާލާފައި ފަޅުގެއްގެ ތެރެއަށް އެއްލާލާފައި އޮއްވައި ފެނުނު އައްޔޫބޭގެ މަރާއި މާލޭގައި ހިންގާފައިވާ އިންސާނިއްޔަތާއި ޚިލާފު ހުރިހާ މަރުތަކުގެ ގާތިލުން ހޯދާފައި ވަނީ ފުލުހުންގެ ގާބިލުކާމާ ކުޅަދާނަކަމާ ހުނަރު ބޭނުންކޮށްގެން ކަމަށެވެ.
މިދިޔަ އަހަރުގެ މާލެ އާއި އަތޮޅު ތަކުގައި ހިނގި އިންސާނިއްޔަތާ ޚިލާފު މަރުތަކުގެ ޝަރީއަތް ކޯޓު ތަކުގައި މިހާރު ވެސް ހިނގަމުންދާއިރު އެފަދަ ބައެއް މަރުތަކުގައި ދައުވާ ކުރި މީހުންގެ މައްޗަށް މަރުގެ ހުކުމް ވެސް ކޯޓުންކޮށްފައިވެ އެވެ.
ފުލުހުންގެ އެ ރިޕޯޓުގައި އަދި ބުނެފައި ވަނީ މިދިޔަ އަހަރު ހުށަހެޅުނު ވައްކަމާ ފޭރުނު މައްސަލަތައް އިތުރު ނަމަވެސް މިދިޔަ އަހަރު އަތުލައިގަތް މަސްތުވާތަކެތި ރިކޯޑް މިންވަރަކަށް އިތުރުވެފައިވާ ކަމަށެވެ.
އަދި ހަމައެހެންމެ ހަށިވިއްކަމުންދިޔަ 29 ތަނެއް މިދިޔަ އަހަރު ބަންދުކޮށްފައިވާ ކަމަށާއި ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާ އާއި ގެވެށި އަނިޔާގެ މައްސަލަތައް ހޯދާއި ދައުވާ ކުރަން ފޮނުވުނު އަދަދު އިތުރުވެފަ ކަމަށް ވެސް ފުލުހުން ބުނެ އެވެ. އަދި ރާވައިގެން ހިންގާ ކުށްތައް އެތަށް ތަނަކު މަދުކޮށް ރަށުތެރެ އަމާން ކުރުމުގެ މަސައްކަތް އެތަށް ގުނައެއް އިތުރު ކޮށް ހަފްތާގެ ހަތް ދުވަހު 24 ގަޑިއިރު މަގުތަކުގައި ފުލުހުން ޑިއުޓީއަދާ ކުރަމުންދާ ކަމަށް ފުލުހުންގެ ރިޕޯޓުގައި ބުނެފައި ވެއެވެ.
ފުލުހުން އާންމުކުރި ރިޕޯޓުގައި އަދި ބުނެފައިވަނީ މާލެ އާއި އަތޮޅު ތެރޭ ކުށް ކުރުން މަދުކުރުމުގެ ގޮތުން ފުލުހުން ހިންގަން ފެށި މަސައްކަތުގެ ދަށުން ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓް އަލުން އެކުލަވާލައި ކްރައިމް ޕްރިވެންޝަން ޑިޕާޓްމަންޓް ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓްގެ ދަށަށް ބަދަލު ކޮށްފައިވާ ކަމަށެވެ. އަދި އެ ޑިޕާޓްމަންޓަކީ ސީދާ ކޮމިޝަނާ އަބްދުﷲ ރިޔާޒުގެ ބެލުމުގެ ދަށުން ހިންގާ ޑިޕާޓްމަންޓަކަށް ވަނީ ހައްދަވާފަ އެވެ.