ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޝަރީއަތް ހިންގެވުމަށް ހުޅުމާލޭ ކޯޓަށް ފަނޑިޔާރުން އައްޔަން ކުރި ގޮތާމެދު ގާނޫނީ ސުވާލުތަކެއް އުފައްދައި އެ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ހުށަހަޅައިފި އެވެ.

އެމްޑީޕީގެ މަޖިލިސް ހަތަރު މެންބަރުން ސޮއިކުރައްވައި ހުށަހެޅި މައްސަލައަކާ ގުޅިގެން މިއަދު ބޭއްވި އެ ކޮމެޓީގެ ކުއްލި ބައްބަލުވުމުގައި ކޮމެޓީގެ އިއްތިފާގުން ނިންމާފައި ވަނީ ކޮމެޓީން އެ މައްސަލަ ބެލުމަށެވެ. ކޮމެޓީން އެ މައްސަލަ ބެލުމަށް ފާސްވީ ވޯޓްގައި ބައިވެރިވި އެމްޑީޕީގެ ފަސް މެންބަރުންގެ އިއްތިފާގުންނެވެ. މިއަދު ބޭއްވި ކޮމެޓީގެ ބައްދަލުވުމަށް ސަރުކާރަށް ތާއިދު ކުރާ ތިން މެންބަރަކު ހާޒިރުވި އެވެ. ނަމަވެސް ވޯޓަށް އެހުމުގެ ކުރިން ކޮމެޓީ ދޫކުރައްވައި އެ ތިން މެންބަރުން ވަޑައިގެންނެވި އެވެ.

މިނިވަން މުއައްސަސާތަކުގެ ރިޔާސަތު ބެލެހެއްޓެވީ ކޮމެޓީގެ މުގައްރިރު ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދެވެ.

ކޮމެޓީއަށް މައްސަލަ ހުށަހަޅުއްވަމުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަހުމަދު ސަމީރު ވިދާޅުވީ މާޗް 11، 2007 ގައި ރައީސް އޮފީހުގެ ސިޓީއަކުން ހުޅުމާލޭގައި އުފެއްދި މާލޭ ކޯޓްތަކުގެ ގޮފި، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނިންމުމަކުން މެޖިސްޓްރޭޓް ކޯޓަކަށް ބަދަލުކޮށް، އެ ކޯޓަށް ހުށަހެޅި ވަކި މައްސަލައެއް ބެލުމަށްޓަކައި ފަނޑިޔާރުންގެ ބެންޗެއް ކަނޑައަޅާފައި ވަނީ ފަނޑިޔާރުންގެ ގާނޫނާއި ކޯޓްތަކުގެ ގާނޫނާއި ޖޭއެސްސީގެ ގާނޫނާ ހިލާފަށް ކަމަށެވެ.

މައްސަލަ ތަފްސީލުކޮށްދެއްވަމުން ސަމީރު ވިދާޅުވީ ހުޅުމާލޭ ކޯޓަށް ދާއިމީކޮށް ޖޭއެސްސީން އައްޔަން ކުރި ދެ ފަނޑިޔާރުން ކަމަށްވާ ޝިޔާމާ މުހައްމަދު އަމްޖަދު އަބްދުލް ޣަނީ ކިޔަވާ ވިދާޅުވާން ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމުން އެ ކޯޓްގެ ހިންގެވުމުން ވަގުތީ ގޮތުން ހަވާލުކޮށްފައި ވަނީ ކ. އަތޮޅު ދާއިރާގެ ހުރާ ކޯޓްގެ އިސް މެޖިސްޓްރޭޓް މޫސާ ނަސީމަށް ކަމަށެވެ. އަދި ވިދާޅުވީ މޫސާ ނަސީމަށް ހަވާލު ކުރި ހުޅުމާލޭ ކޯޓަށް ރައީސް ނަޝީދުގެ މައްސަލަ ބެލުމަށްޓަކައި ތިން ފަނޑިޔާރުންގެ ބެންޗެއް ޖޭއެސްސީ ކަނޑައެޅީ ކޯޓުތަކުގެ ގާނޫނުގެ 68 ވަނަ މާއްދާގެ (ނ)ގެ އެއްވަނަ ނަމްބަރުގެ ހިލާފަށް ކަމަށެވެ.

ފަނޑިޔާރުންގެ ގާނޫނާ ހަވާލާ ދެއްވައި ސަމީރު ވިދާޅުވީ ދާއިރާތަކުގެ އިސް މެޖިސްޓްރޭޓްގެ ޒިންމާއަކީ އެ ދާއިރާގައި ފަނޑިޔާރަކު ނެތް ކޯޓަކަށް އެ ދާއިރާގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރަކު އައްޔަން ކުރުން ކަމަށެވެ. އަދި އެކަން ހަވާލުކޮށްފައި ވަނީ ޖޭއެސްސީއަށް ނޫން ކަމަށް ސަމީރު ވިދާޅުވި އެވެ. އަދި ވިދާޅުވީ މެޖިސްޓްރޭޓް ކޯޓުގައި ފަނޑިޔާރަކު ނެތް ހިނދެއްގައި އެ ކޯޓަށް ފަނޑިޔާރުން އައްޔަން ކުރަން ޖެހޭނީ އެ އަތޮޅަކުން ކަމަށްވީ ހިނދު، ހުޅުމާލޭ ކޯޓަށް އައްޔަން ކުރި ފަނޑިޔާރުންނަކީ ގއ. އަތޮޅު އިސް މެޖިސްޓްރޭޓް ޝުޖާއު އުސްމާނާއި އއ. އަތޮޅުގެ އިސް މެޖިސްޓްރޭޓް އަބްދުއް ނާސިރު އަބްދުއްރަހީމް އަދި އދ. އަތޮޅުގެ އިސް މެޖިސްޓްރޭޓް ހުސައިން މަޒީދު ކަމަށެވެ.

އެހެންކަމުން ރައީސް ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް މާލޭ އޭރިއާގެ ކުރީގެ ކޮމާންޑަރު ރިޓަޔާޑް ބްރިގޭޑިއާ ޖެނަރަލް އިބްރާހިމް ދީދީ އާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަމީލާއި ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށް ހުޅުމާލޭ ކޯޓުގައި އުފުލާފައިވާ ދައުވާގެ ޝަރީއަތް ހިންގުމަށް ހޮއްވަވާފައިވާ ފަނޑިޔާރުންގެ ސައްހަ ކަމެއް ނެތް ކަމަށް ސަމީރު ވިދާޅުވި އެވެ.

އެ މައްސަލާގައި ބަހުސް ކުރެއްވުމަށްފަހު މެންބަރުން ހުށަހަޅުއްވައި ތާއިދު ލިބުނީ ހުޅުމާލޭ ކޯޓަށް ފަނޑިޔާރުންގެ ބެންޗު ކަނޑައެޅުމުގައި އަމަލުކޮށްފައިވާ ގޮތުން ސާފުކޮށްދިނުމަށް އެ ކޯޓާ ހަވާލުވެ ހުންނެވި މާލެ އަތޮޅު ހުރާ ކޯޓްގެ އިސް ފަނޑިޔާރަށް ސިޓީއެއް ފޮނުވުމަށެވެ. އަދި ހުޅުމާލޭ ކޯޓްގެ ފަނޑިޔާރުން ބެންޗު އުފެއްދުމަށް ޖޭއެސްސީން ކޮށްފައިވާ މަސައްކަތްތަކުގެ ޔައުމިއްޔާތަކާއި ނިންމުންތައް ކޮމެޓީއަށް ފޮނުވުމަށް ޖޭއެސްސީއަށް ސީޓީއެއް ފޮނުވުމަށެވެ. އެ ދެ ހުށަހެޅުމަށް ވެސް ކޮމެޓީއަށް ހާޒިރުވި އެމްޑީޕީގެ މެންބަރުން އިއްތިފާގުން ފާސްވެފައިވެ އެވެ.

އެ ހުށަހެޅުން ފާސްވުމުން ކޮމެޓީން ނިންމާފައި ވަނީ އެ ލިޔެކިޔުންތައް އަންނަ ބުދަ ދުވަހުގެ މެންދުރުފަހު 3:00ގެ ކުރިން ކޮމެޓީއަށް ހޯދުމަށެވެ. އެއަށްފަހު ކޮމެޓީގެ ބައްދަލުވުމެއް ބޭއްވުމަށް ވެސް މެންބަރުން ނިންމެވި އެވެ.