ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ޝަރީއަތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ނެންގެވި އިޖުރާއީ ނުކުތާތަކާ ގުޅިގެން އެ ކޯޓުން ނިންމި ނިންމުމަށް ހައިކޯޓުން ދާއީދުކޮށް ކުރި ހުކުމް އިސްތިއުނާފް ކުރުމަށް ނަޝީދުގެ ފަރާތުން ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.

ސުޕްރީމް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ނަޝީދުގެ ފަރާތުން އެ މައްސަލަ ހުށަހަޅާފައި ވަނީ މިއަދުގެ ވަގުތެއްގައި ކަމަށާއި ނަމަވެސް އަދި އެ މައްސަލައާ މެދު ވަކިގޮތެއް ނިންމާފައި ނުވާ ކަމަށެވެ.

"މިހާރު އެ މައްސަލަ އެ ވަނީ ސުޕްރީމް ކޯޓަށް އެންޓްރީވެފައި. އަދި އެ މައްސަލައާ މެދު ސުޕްރީމް ކޯޓުން ވަކިގޮތެއް ނުނިންމާ. އޮންނަ އުސޫލުގެ މަތިން އެ މައްސަލައާ މެދު ވެސް ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅާނެ،" އޮފިޝަލް ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައި ވަނީ އިޖުރާއީ ތިން ނުކުތާ އެވެ. އެއީ ހުޅުމާލޭ ކޯޓަށް ހާޒިރުވުމަށް ނަޝީދަށް އަމަރު ފޮނުވީ ގަވާއިދާ ހިލާފަށް ކަމަށް ވިދާޅުވެ ހުށަހެޅި ނުކުތާ އާއި ހުޅުމާލޭ ކޯޓުގެ ޝަރީއަތް މާލޭގައި ނުބޭއްވޭނެ ކަމަށް ވިދާޅުވެ ހުށަހެޅި ނުކުތާގެ އިތުރުން ހުޅުމާލޭ ކޯޓަކީ ގާނޫނާ ޚިލާފު ކޯޓެއްކަމަށް ވިދާޅުވެ ހުށަހެޅި ނުކުތާ އެވެ.

ހުޅުމާލޭ ކޯޓުިގެ ޝަރީއަތް މާލޭގައި ނުބޭއްވޭނެ ކަމަށް ބުނެ ހުށަހެޅި ނުކުތާ އާ މެދު ހައިކޯޓުން ނިންމި ނިންމުމުގައި ބުނަނީ ހާމަކަމާ އެކު ޝަރީއަތް ކުރުމުގެ ހައްގަކީ ގާނޫނު އަސާސީން ކޮންމެ މީހަކަށް ވެސް ލިބިދީފައިވާ ހައްގަކަށްވާ އިރު، ހާމަކަމާ އެކު ޝަރީއަތް ކުރަން ބަލާއިރު ހުޅުމާލޭ ކޯޓު ހިންގާ އިމާރާތަކީ ޝަރީއަތް އަޑުއަހަން ގިނަބަޔަކަށް ވަދެވޭވަރުގެ ޖާގަ ހުރި ތަނެއް ނޫން ކަމަށެވެ. އެހެންކަމުން ޖަސްޓިސް ބިލްޑިންގައި ނަޝީދުގެ ޝަރީއަތް ބާއްވަނީ ގާނޫނު އަސާސީއާ އެއްގޮތަށް ކަމަށް ވެސް ހައިކޯޓުން ވަނީ ނިންމާފަ އެވެ.

ކޯޓަށް ހާޒިރުވުމުގެ އަމުރު ހުޅުމާލޭ ކޯޓުން ނަޝީދަށް ފޮނުވާފައި ވަނީ ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރަންވީ ގޮތުގެ ގައިވާއިދާ ޚިލާފަށް ކަމަށް ބުނެ ނެންގެވި ނުކުތާ އާ މެދު ހައިކޯޓުން ނިންމި ނިންމުމުގައި ބުނަނީ ކޯޓަށް ހާޒިރުވުމުގެ އަމުރު ހުޅުމާލޭ ކޯޓުން ނަޝީދަށް ފޮނުވާފައި ވަނީ ގަވާއިދާ އެއްގޮތަށް ކަމަށެވެ.

ހުޅުމާލޭ ކޯޓުގެ ގާނޫނީ ސައްޚަކަމާ މެދު އުފެދިފައިވާ ސުވާލާ މެދު ސުޕްރީމް ކޯޓުން ވަކިގޮތެއް ނިންމާފައި އޮތްނަމަވެސް ހައިކޯޓަށް ވެސް އެކަމުގައި ގޮތެއް ނިންމިދާނެ ކަމަށް ބުނެ ނަޝީދުގެ ފަރާތުން ނެންގެވި ނުކުތާ ނިންމާފައި ވަނީ ވެސް ނަޝީދާއި ދެކޮޅަށެވެ.

އެނުކުތާއާ މެދު ހައިކޯޓުން ނިންމި ނިންމުމުގައި ބުނަނީ ރާއްޖޭގެ އަދުލުއިންސާފުގާއިމް ކުރުމުގެ އެންމެ މަތީ ބާރަކީ ސުޕްރީމް ކޯޓުކަމަށާއި އެ ކޯޓަކަށް ވުރެ މަތީ ކޯޓަކުން ނިންމާ ނިންމުމަކަށް އެއަށް ވުރެ ދަށު ކޯޓުތަކުން ތަބާވާންޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓަކީ ހައިކޯޓަށް ވުރެ މަތީ ކޯޓަކަށްވެފައި ހުޅުމާލޭ ކޯޓުގެ ގާނޫނީ ސައްޚަކަމާ މެދު އެކޯޓުން ވަކިގޮތެއް ނިންމާފައި ވަނިކޮށް އެކަމާ މެދު ހައިކޯޓަށް ގޮތެއް ނިންމިދާނެކަމަށް ނުދެކޭކަމަށް ވެސް ހައިކޯޓުގެ ނިންމުމުގައިވެ އެވެ.

ކްރިމިނަލް ކޯޓުގެ އިސްގާޒީ ގާނޫނާ ޚިލާފަށް ހައްޔަރު ކުރި މައްސަލައިގައި ނަޝީދުގެ އިތުރުން ދައުވާ ކޮށްފައި ވަނީ ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލާއި ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީގެ އިތުރުން ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށެވެ.