ދިވެހި ރާއްޖޭގެ އަމިއްލަ އެއާލައިން ކުންފުނި ވިލާ އެއާއިން އޮޕްރޭޓްކުރާ ފުލައިމީ އަށް އަލަށް ގެންނަ 66 ގޮނޑީގެ އޭޓީއާރް 600-72 މަރުކާގެ ބޯޓް މިއަދު ރާއްޖެ ގެނެސްފި އެވެ.

އެ ބޯޓު މާމިގިލީ އެއާޕޯޓަށް މިއަދު 13:49ގައި ޖެއްސުމާ އެކު އެ ބޯޓަށް މަރުހަބާ ކިޔާފައި ވަނީ ވިލާ އެއާގެ ޗެއާމަން ގާސިމް އިބްރާހިމާއި ވިލާއެއާގެ އިސްވެރިންގެ އިތުރުން އެކުންފުނީގެ މުއައްޒިފުންނެވެ.

އެ ބޯޓަކީ 66 ސީޓުގެ ބޯޓެކެވެ. އޭގެ ތެރޭގައި ހިމެނެނީ 12 ބިޒްނަސް ސީޓާއި 54 އިކޮނޮމީ ސީޓެވެ. އަދި އެ ބޯޓް ރާއްޖެ ގެނައުމާ އެކު މިމަހު 14 ފެށިގެން އެބޯޓްގެ ދަތުރުތައް ފެށުމަށް ނިންމާފައިވާ އިރު އެބޯޓް ފުރަތަމަ ބޭނުން ކުރުމަށް ނިންމާފައި ވަނީ އައްޑޫ އާއި މާލެއާ ދޭތެރޭ ދަތުރުތައް ކުރުމަށެވެ. ފުލައި މީ އިން ބުނީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި މިހާރު ބޭނުންކުރާ ބޯޓް ފަހަރުގައި ފަސިންޒަރުންގެ ގޮނޑިތައް އަތުރާފައިވާ ގޮތާ ހިލާފަށް އެބޯޓްގައި ގޮނޑިތައް އެތުރިފައި ހުންނާނީ ބޮޑު ޖާގައެއް ދީގެން ލުއިފަސޭހަ ގޮތަކަށް ކަމަށެވެ. އަދި ކޮންމެ ދެ ކޮނޑި ބަރިއަކު މަތީގައި ފަސް އިންޗީގެ އެލްއީޑީ ސުކުރީނެއް ވެސް ހަރުކުރެވިފައިވާ ކަމަށް ބުންޏެވެ.

މިއީ އެ އޭޓީއާރް 600-72 މަރުކާގެ ބޯޓެއް ރާއްޖެ ގެނެނައި ފުރަތަމަ ފަހަރެވެ. ފުރާންސް އިން ފުރައިގެން ގުރީސް އާއި ސައުދީ އަރަބިއްޔާ އާއި އޮމާންގަ ޖެއްސުމަށް ފަހު ރާއްޖެ އައި އެ ބޯޓުގައި ފްލައިމީގެ ނިޝާންޖަހައި ދަތުރުތައް ފަށަން ބޯޓު ވަނީ މުޅިން ތައްޔާރުކޮށްފަ އެވެ. އަދި އެ ބޯޓުގައި މަސައްކަތްކުރާނެ ކެބިން ކުރޫންނާއި ޕައިލެޓުން ވެސް ވަނީ އެ ކުންފުނިން ތަމްރީންކޮށްފަ އެވެ.

ފުލައި މީއިން 66 ސީޓްގެ އާ ބޯޓެއް މިއަދު ރާއްޖެ ގެނައުމަށް ނިންމާފަ މިހާރު އެކުންފުނިން މިހާރު ކުރަމުންދަނީ 46 ސީޓްގެ ދެ ބޯޓެވެ. އަދި އެ ކުންފުނިން މިހާރު ދަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރުތައް ކުރަމުންނެވެ. އޭގެ ތެރޭގައި ބ. ދަރަވަންދު އާއި އދ. މާމިގިލީގެ އިތުރުން ސ. ގަން ވެސް ހިމެނެ އެވެ.